ޚަބަރު

އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ކުރީގެ މެމްބަރު ޖަމީލު ޢުޘްމާން


  • ޖަމީލު ވަނީ 18 މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރުކަން އަދާކުރައްވާފައި

  • އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ތިބީ 8 މެމްބަރުން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލު ޢުޘްމާން އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ޕީސީބީން ވިދާޅުވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ހުޅުމާލެ ގޯތި ނަންބަރ 10718 އޯކިޑްހިޔާ، ޖަމީލު ޢުޘްމާން އައްޔަނުކޮށްފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ހިންގުން ހަރުދަނާ ކުރުމަށާއި، އޮޑިޓް އަދި ރިސްކު ފަދަ ކޮމިޓީތައް ރަނގަޅަށް ހިންގުމަށް އެ ކުންފުނިން ދާދި ފަހުން ވަނީ ބޯޑުގެ މެމްބަރުންގެ އަދަދު 7 އިން 9 އަށް އިތުރުކޮށްފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް ސްޕެޝަލް ޕްރޮޖެކްޓްސް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި އަދި 18 ވަނަ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރުކަން އަދާކުރެއްވި ޖަމީލު ޢުޘްމާނާއެކު، އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ތިބީ 8 މެމްބަރުންނެވެ. އެއީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ސަހާ ވަހީދާއި، އިބްރާހިމް ސިޔާދު ގާސިމާއި، މުހައްމަދު މިހާދާއި، އިބްރާހިމް މަހުދީ، އަދި މުޖުތަބާ ލަތީފްއެވެ.

އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނައި އިރު، މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތަކެއް މި ފަހުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. އަދި އެ ފަދަ ޕްރޮޖެކްޓުތައް ހިންގަން ވަކި ކުންފުންޏެއް މި މަހު ވަނީ އުފައްދައިފައެވެ.