އޮސްޓްރޭލިއާއަށް އެރި ބާރުގަދަ ތޫފާނުގައި، ވައިގަދަވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގައި އެ ޤައުމުގެ ދެކުނުގެ ބޮޑު ސަރަޙައްދަކުން ކަރަންޓު ކެނޑިފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
"ފައިނާ"ގެ ނަމުން ނަންދީފައިވާ ތޫފާނު، އޮސްޓްރޭލިއާގެ ދެކުނުގައި އޮންނަ ޑާވިން ސަހަރަށް އެރިއިރު، ގަޑިއަކު 205 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުނުކަމަށް އެ ޤައުމުގެ މުސޫމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
އެ ސަހަރުގައި ގާތްގަނޑަކަށް 140،000 މީހުން އާދާދީއެއް ދިރިއުޅޭއިރު، ތޫފާނާ ގުޅިގެން ލިބުނު ގެއްލުންތަކުގައި ގިނަ ސަރަޙައްދުތަކުން ކަރަންޓު ވަނީ ކެނޑިފައެވެ.
އެ ސަރަޙައްދުގެ ޗީފް މިނިސްޓަރު ލިއާ ފިނޯކިއާރޯ ވިދާޅުވީ، އެ ތޫފާނުގެ ސަބަބުން 19،000 އެއްހާ މީހުން ކަރަންޓު ނެތިފައި ތިބި ކަމަށެވެ.
އަދި މަގުތަކުގައި ފެންބޮޑުވެ، އާންމުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވައިބާރުވުމުގެ ސަބަބުން، ކަރަންޓު ފޯރުކޮށްދޭ ބައެއް ހޮޅިދަނޑިތައް މަގުމައްޗަށް ވެއްޓިފައިވާތީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ތޫފާނާ ގުޅިގެން، ޑާވިން ސަހަރުގެ މައި ވައިގެ ބަނދަރުގެ އުދުހުންތައް އިއްޔެއިން ފެށިގެން މެދުކަނޑާލާފައިވާއިރު، އުދުހުންތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ވައިގެ ބަނދަރު ހިންގާ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިދިޔަ މާޗް މަހު އެރި ތޫފާނު "އެލްފްރެޑް"ގައި އޮސްޓްރޭލިއާގެ ކުއީންސްލޭންޑަށް ބޮޑެތި ގެއްލުންތައް ލިބި، ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ކެނޑުނެވެ.