ޚަބަރު

އެޓޯލް ޗެމްޕިއަންޝިޕް: ތޮއްޑޫ އާއި މުލަކަށް އަތޮޅު ޗެމްޕިއަންކަން


  • އއ. އަތޮޅުގެ ޗެމްޕިއަންކަން ތޮއްޑޫން ހޯދީ ފައިނަލް މެޗުގައި އުކުޅަސް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެން

  • މ. އަތޮޅުގެ ޗެމްޕިއަންކަން މުލަކުން ހޯދީ ވޭވަށާ ދެކޮޅަށް ކުޅުނު ދެ މެޗު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެން

ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/26 ގެ ޗެމްޕިއަންކަން އއ. ތޮއްޑޫ އާއި މ. މުލަކުން ހޯދައިފިއެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ހަމައަށް އައުމަށް ފުރުސަތު ފަހިވާ ގޮތަށް އެކުލަވާލައިފައިވާ އެޓޯލް ޗެމްޕިއަންޝިޕުގެ އއ. އަތޮޅުގެ ޗެމްޕިއަންކަން ތޮއްޑޫން ހޯދީ ހޮނިހިރު ދުވަހުގެ ހަވީރު އެ ރަށުގައި ކުޅުނު ފައިނަލް މެޗުގައި އުކުޅަސް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އއ. އަތޮޅުން މި މުބާރާތުގައި ވާދަކޮށްފައިވަނީ ތޮއްޑޫ އާއި އުކުޅަހުގެ އިތުރުން ރަސްދޫއެވެ.

ތޮއްޑޫ ޓާފް ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ޝަމީމް އާއި އިބްރާހީމް އުސާމަތު އަދި މުޚުތާރު ނަސީރެވެ. މި މެޗުގައި އުކުޅަހުގެ ހަމައެކަނި ލަނޑު ޖެހީ މުޙައްމަދު ސިރުހާނެވެ.

މީގެ އިތުރުން އެޓޯލް ޗެމްޕިއަންޝިޕުގެ މ. އަތޮޅުގެ ޗެމްޕިއަންކަން މުލަކުން ހޯދީ ވޭވަށާ ދެކޮޅަށް ކުޅުނު ދެ މެޗު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހު ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، މުލަކު ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު ދެވަަނަ ލެގުގެ މެޗުން އެ ޓީމު މޮޅުވީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ އެޓޯލް ޗެމްޕިއަންޝިޕުގައި މިހާތަނަށް ވަނީ ހަތަރު އަތޮޅެއްގެ ކުޅުން ނިމިފައެވެ. އެގޮތުން ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ސިޓީން ހޯދާފައިވާއިރު، ނ. އަތޮޅުގެ ޗެމްޕިއަން ޓީމަކީ މަނަދޫއެވެ.

އެފްއޭއެމްއިން އެޓޯލް ޗެމްޕިއަންޝިޕް އެކުލަވާލާފައިވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނާ ހަމައަށް އައުމަށް ފުރުސަތު ފަހިވާ ގޮތަށެވެ. އެގޮތުން ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާފައިވާއިރު، ނޯތު ރީޖަންގައި ހިމެނެނީ ހދ، ހއ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ މާލެ ރީޖަންއެވެ. އެއީ މާލެ ސިޓީ ކްލަބުތައް ނިސްބަތްވާ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނެވެ.

މި ސީޒަނުގެ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ދިވެހި ޕްރިމިއަރ ލީގު ނިމުމުގެ ކުރިން ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަނުންނާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން ޓީމުތައް ކަނޑައެޅިގެންދާނެއެވެ. އަދި ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގައެވެ.

މި ސީޒަނުން ފެށިގެން 10 ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަ ޓީމަށް އަންނަ ސީޒަނުގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް ދެވަނަ ޑިވިޝަނަށް ރެލިގޭޓުވާނެއެވެ. އަދި ލީގުގެ ހަތްވަނަ އާއި އަށްވަނައިގެ އިތުރުން ނޯތު ލީގާއި، ސެންޓްރަލް ލީގު އަދި ސައުތު ލީގުގެ ޗެމްޕިއަން ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގައި ކޮލިފިކޭޝަން ބުރެއް ކުޅޭނެއެވެ. މީގެ ތެރެއިން ގަދަ ހަތަރު ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާނެއެވެ.