އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިއޭއީއޭގެ ގަވަނަރުންގެ ބޯޑުން, އީރާނުން އައިއޭއީއޭއަށް އެއްބާރުލުންދީ މަޢުލޫމާތު ޙިއްޞާކުރަން މަޖުބޫރުކުރުވަން ޤަރާރެއް ފާސްކޮށްފިއެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިން ފަހުން އައިއޭއީއޭއިން އެ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުުރުޞަތު އީރާނުން ދީފައެއް ނުވެއެވެ.
35 ޤައުމުގެ ގަވަނަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ ސިއްރު ބައްދަލުވުމެއްގައި ފާސްކުރި ޤަރާރުގެ މައިގަނޑު މަޤްސަދަކީ އީރާނުގެ ނިއުލްލިޔަރ ޙަރަކާތަށް ފާރަވެރިވުމުގައި އައިއޭއީއޭގެ ދައުރު އިތުރުކޮށް އަދާހަމަ ކުރުމެވެ. އޭގެ އިތުރުން އައިއޭއީއޭއަށް އެއްބާރުލުންދީ، އެ އިދާރާއިން އެދޭ މައުލޫމާތު އަވަސްގޮތެއްގައި ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ. އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމްއާއި މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާއިން ބޮން އަޅާފައިވާ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެ ޤައުމުން މިހާރުން މިހާރަށް ޙިއްޞާކުރަން ޖެހޭ ކަމަށް ޤަރާރުގައި ބުނެފައިވެއެވެ.
އީރާނުން އަބަދު ވެސް ބުަނަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ޞުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ. އެމެރިކާއާއި ވިލާތުގެ ތިން ބާރު ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން އެ ޤަރާރު ހުށަހެޅުމުގެ ކުރިން އީރާނުން ވަނީ އެ ފަދަ ޤަރާރެއް ފާސްކޮށްފި ނަމަ އީރާނުން އައިއޭއީއޭއަށް އެއްބާރުލުން ދެމުންދާ ދިޔުމަށް ނޭދެވޭ އަސަރު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.
އެމެރިކާއާއި ވިލާތުގެ ތިން ބާރުން ގަވަރުނަރުންގެ ބޯޑަށް ހުށަހެޅި ބަޔާނެއްގައި ބުނީ އީރާނުގެ ނިއުކްލިޔަރ ޙަރަކާތުގެ މަޤްސަދަކީ ޞުލްޙަވެރި މަޤްސަދެއްތޯ ބެލުމަށް އައިއޭއީއޭއިން ކުރާ މަސައްކަތާ ގުޅިގެން އުފެދިފައިވާ މައްސަލަތައް އީރާނުން ވަގުތުން
ވަގުތަށް ޙައްުލުކުރަން ޖެހޭ ކަމަށެވެ. އައިއޭއީއޭއަށް އެއްބާރުލުން ދީ ނިއުކްލިޔަރ ޙަރަކާތާ ގުޅޭ ތަންތަން ބަލައި ފާސްކުރުމަށް އެ އިދާރާއަށް ފުރުޞަތު ދީ، އައިއޭއީއޭއިން ކުރާ ސުވާލުތަކަށް ޖަވާބުދާރީވެ، ނިއުކްލިޔަރ ޙަރަކާތަށް ފާރަވެރިވުމަށް މިހާރުން މިހާރަށް ފުރުޞަތު ދޭން ޖެހޭ ކަމަށް ވެސް ބަޔާނުގައި ބުުނެފައިވެއެވެ. އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއަށް ބައިނަލްއަޤްވާމީ އިތުބާރު ހޯދޭނީ އައިއޭއީއޭގެ މަސައްކަތްތަކާއި ޒިންމާތައް ޢަދާ ކުރުމަށް އެ އިދާރާއަށް ފުރުޞަތު ދީގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ގަވަރުނަރުންގެ ބޯޑުން އެ ޤަރާރު ފާސްކޮށްފައި ވަނީ އެ ޤަރާރާ އެއްކޮޅަށް 19 ޤައުމަކުން ވޯޓު ދީގެންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ތިން ޤައުމަކުން ވޯޓު ދީފައިވެއެވެ. އެއީ ރަޝިޔާއާއި ޗައިނާއާއި ނީޖެޔާއިންނެވެ. 12 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.