ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ޖަރީމާތައް އިތުރުވަނީ


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހިންގަމުންދާ ޖަރީމާތައް އިތުރުވެ، އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ސިއްޙީ ވުޒާރާއިން ބުނީ، ހުޅަނގު އައްސޭރީގެ ޜާމަﷲއަށް ޔަހޫދީން ބަޑިން ޙަމަލާދީ ދެ ޒުވާނުން ޝަހީދުވެފައިވާ ކަމަށެވެ. އުމުރުން 16 އަހަރާއި 18 އަހަރުގެ ދެ ޒުވާނުން ޝަހީދުވެފައިވަނީ އެ ޙަމަލާގައި ލިބުނު ޒަޚަމްތަކަށް ހަސްފަތާލުގައި ފަރުވާދެމުންދަނިކޮށް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މަންޒަރުދުށް މީހުންނާ ޙަވާލާދީ ފަލަސްޠީނުގެ ވަފާ ނޫހުން ބުނީ، ޔަހޫދީންގެ ނިރުބަވެރު ފައުޖުތައް ހަތިޔާރާއެކު ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވެ، ޢާއްމުންނަށް ޙަމަލާ ދެމުންދާ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ވަނީ އިތުރުކޮށްފައެވެ.

ރޮއިޓަރސް ނޫހުން ބުނި ގޮތުގައި، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި، ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ ފަލަސްޠީނުގެ 18 އަހަރުން ދަށުގެ ހަ ކުޑަކުދިން ޝަހީދުކޮށްލައިފައެވެ.

އަދި އެ ސަރަޙައްދުގައި ދިރިއުޅޭ ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރުގައި ހުޅުޖަހައި، މުދަލަށް ވެސް ބޮޑެތި ގެއްލުންތައް ދީފައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވެފައިވާއިރު، ޔަހޫދީންގެ ހަތަރު ވަޒަންވެރިންނާ ދެކޮޅަށް ސިންގަޕޫރުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

ސިންގަޕޫރުގެ ޚާރިޖީ ވުޒާރާއިން ބުނީ، ހުޅަނގު އައްސޭރީގައި ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން އެ ހަތަރު މީހުންނަށް ސިންގަޕޫރުގައި މާލީ މުޢާމަލާތްތައް ހިންގުން މަނާކުރުމުގެ އިތުރުން، އެ ޤައުމަށް އެތެރެވުންވެސް މަނާކޮށްފައިވާ ކަމަށެވެ.

ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މި ހަތަރު މީހުންނަކީ، ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނަށް ޙަމަލާދީ، ގެދޮރާއި މުދަލަށް ގެއްލުން ދިނުމުގައި ޙަރަކާތްތެރިވާ ޔަހޫދީންގެ ގުރޫޕުތަކުގެ އިސް މީހުންނެވެ.

މީގެ އިތުރުން، ސިންގަޕޫރުން ވަނީ ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަމުގެ އިޝާރާތެއް ވެސް މި ހަފްތާގެ ތެރޭގައި ދީފައެވެ.