ސިއްހަތު

ޞިއްޙީ ދާއިރާގެ މީހުން ބިނާކުރުމަށް އެހީތެރިކަން ހޯދަނީ


ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ( ޑަބްލިއު.އެޗް.އޯ) ގެ މެމްބަރު ޤައުމުތަކުގެ ތެރެއިން ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ ފަސްދޮޅަސް ނުވަވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ ފަހަކުން ނުވަޔަކަށް ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ. މިބައްދަލުވުމުގައި ބައިވެރިވާ މި ޞަރަޙައްދުގެ އެގާރަ ޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. މިބައްދަލުވުމުގައި ރާއްޖޭގޭ ވަފްދުގައި އިސްވެ ބައިވެރިވަޑައިގަންނަވަނީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މިފަހަރުގެ ބައްދަލުވުމުގައި ރާއްޖޭއިން އަދާކުރާނޭ ރޯލު ޕީ.އެސް.އެމާ ޙިއްޞާކުރައްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން ސާސްކަފުގެ ތަރައްޤީގެ ލަނޑުދަނޑި ޙާޞިކޮށް، މިހާރު ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑު ދަނޑި ޙާޞިކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ޙާޞިލްކުރުމަށް ކުރަމުންދާ މަސައްކަތް މިބައްދަލުވުމުގައި ޙިއްޞަކުރައްވާނޭކަމަށެވެ. އަދި ރާއްޖެ މިހާރު އެންމެ ކަންބޮޑުވާ މައްސަލަކަމަށްވާ ގައިން ގަޔަށްނާރާ ބަލީގައި މީހުން މަރުވަމުންދާ މައްސަލަ، ޙައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ބަޔާކޮށް، އެކަމުގައި މެމްބަރު ސަރަޙައްދީ ޤައުމުތަކުގެ އެހީތެރިކަން އެދޭނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނޮން-ކޮމިއުނިކޭބަލް ޑިޒީޒް ނުވަތަ ގައިން ގަޔަށް ނާރާ ބަލި ރާއްޖޭގައި މިއޮތީ އިންތިހާ ދަރަޖަޔަށް. މިބަލިތަކުން ރައްކާތެރިވެ، ކޮންޓްރޯލް ކުރުމަށް ސަރުކާރުން ރާާވާފައި ހުރި ޕްރޮގްރާމްތަކާއި، އަދި މި ބަލިތަކުން ދިފާއުވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން، ޤައުމީ ފެންވަރެއްގައި އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން ޞަރަޙައްދުގެ ޤައުމުތަކައި ޙިއްސާ ކުރާނަން. އަދި ރާއްޖޭގައި ވަރަށް އަވަހަށް ފެށުމަށް ޤަސްދުކޮށްފައިވާ ނޮންކޮމިއުނިކޭބަލް ޑިޒީސްއާގުޅޭ ނެޝަނަލް ލެވެލްގެ ޤައުމީ ޕްލޭންގެ ވާހަކަވެސް އަޅުގަނޑު ބައްދަލުވުމުގައި ޙިއްސާ ކުރާނަން. ދެން އެފަރާތްތަކުން އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިވެވިދާނޭ ކަންތައްތައް  އެބޭފުޅުންގެ ސަމާލުކަމަށް ގެންނާނަން. އަދި މިކަމުގައި ޑަބްލިއު.އެޗް.އޯ އައި ޞަރަޙައްދީ ޤައުމުތަކުގެ އެހީތެރިކަން ހޯދުމަށް އަޅުގަނޑު ބައްދަލުވުމުގެ ތެރެއިން މަސައްކަތް ކުރާނަން." ޕީ.އެސް.އެމަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14711965414382.jpg|ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް - ފޮޓޯ: ޕީއެސްއެމް

ހެލްތު މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ، ރައްޔިތުންނާއި ވީހާގާތުން ލުއިފަސޭހަގޮތެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނޭ ނިޒާމެއް ޤާއިމްކުރުމަށްކަމަށެވެ. އެގޮތުން ޢުމްރާނީ ތަރައްޤީގެ ވިއުގައިގެ ތެރެއިން ޞިއްޙީ ޚިދްމަތްދެއްވާ ތަންތަން ބިނާކުރެއްވިނަމަވެސް، އެކަށީގެންވާ މިންވަރަށް ޞިއްޙީ ޚިދްމަތްދޭ ފަންނީ ބޭފުޅުން ނެތުން މިއީ ޞިއްޙީ ދާއިރާއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ޑަބްލިއު.އެޗްއޯގެ ބައްދަލުވުމުގެ ޙަވާސާގައި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް، މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާ ބައްދަލުކުރައްވައި މިކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ދިވެހި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑުގޮންޖެހުމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ޚިދްމަތްދިނުމަށް ބޭނުންވާ ފަންނީ ޞިއްޙީ މަސައްކަތްތެރިން ނެތުން. ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އިރާދަ ކުރެއްވިއްޔާ މިދަނީ ހެލްތު ފެސިލިޓީސްތައް ޤާއިމް ކުރަމުން. ހެލްތު ފެސިލިޓީސްތައް ފުޅާކޮށް ތަރައްޤީ ކުރަމުންދާ ވަރަކަށް އެތަންތަނަށް ބޭނުންވާ އިންސާނީ ވަޞީލަތްތައްވެސް އެބަ ބިނާކުރަންޖެހޭ.އެހެންކަމުން ވިސްނަމުން މިދަނީ މިކަމުގައި އަވަށްޓެރި ޤައުމުތަކުގެ އެހީ ހޯދަން. ޑަބްލިއު.އެޗް.އޯގެ ޞަރަޙައްދީ ބައްދަލުވުމުގެ ތެރެއިން ރާއްޖޭގައި ކަމަށް ޤާބިލު ޑޮކްޓަރުންނާއި ނަރުހުން ބިނާކުުރުމަށް މެމްބަރު ޞަރަޙައްދީ ޤައުމުތަކުގެ އެއްބާރުލުން ހޯދުމަށް މަސައްކަތް ކުރާނަން. މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާއެކު ވަކި ވަކިން ބޭއްވޭ ބައްދަލުވުންތަކުގައި، އެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ބާރު އަޅާނަން. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހެލްތު ސެކްޓަރ މިހާރު މިއޮތް ޙާލަތުން ދެވަނަ ޙާލަތަކަށް ގެންދިއުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ، އިންސާނީ ވަޞީލަތްތައް ޑެވެލޮޕްކުރަން. އެކަމަށް އެހޯ ހޯދާ ، މިކަމަށް ފަންޑް މޮބިލައިޒް ކުރުމަށް،ވަރަށް އިސްކަމެއް ދީގެން ބައްދަލުވުމުގެ ތެރެއިން މަސައްކަތް ކުރާނަން." މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަންނަ އަހަރުގެ ޞަރަޙައްދީ ބައްދަލުވުން އޮންނާނީ ރާއްޖޭގައި ކަމަށްވުމާއެކު، ރާއްޖޭގައި ބޭއްވޭ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް މިފަހަރުގެ ބައްދަލުވުމުން ތަޖުރިބާއެއްގެ ގޮތުގައި ބޭނުން ހިފާނޭކަމަށެވެ.

ރާއްޖޭގެ ވަފްދުގައި ޞިއްޙީ ޚިދްމަތްދޭ ހުރިހާ އިދާރާތަކެއްގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފްދު ބައިވާއިރު، މި ވަފްދުގައި އިސްވެ ބައިވެރިވެ ވަޑައިގަންނަވަނީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ޞަރަޙައްދީ ޤައުމުތަކުގެ ޞިއްޙީ ދާއިރާއިން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އަދި އަހަރީ ބަޖެޓާއި، ސިޔާސަތު ކަނޑައަޅުމުގައި ދިމާވާ ކަންތައްތަކާބެހޭގޮތުން ސަރަޙައްދީ ފެންވަރެއްގައި މަޝްވަރާކުރެވި ގޮތްތަކެއް ކަނޑައެޅިގެންދާނެއެވެ.