ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތްފަހުން ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގައި ހުރި އުނި ކަންކަން އިޞްލާޙުކޮށް އެ ނިޒާމު ފައްކާކޮށް، އެ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުން ހޯއްދަވައިދެއްވުމަށްޓަކައި މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއްކުރައްވާފައެވެ. އަދި މި ނިޒާމާ ގުޅޭގޮތުން މުހިންމު ނިންމެވުންތަކެއް ވެސް ވަނީ ނިންމަވާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ނިންމެވުމަކީ އަތޮޅު ކައުންސިލްތައް އުވާލަން ނިންމެވި ނިންމެވުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ދެކޮޅަށް ބައެއް މީހުން ވާހަކަ ދެއްކި ނަމަވެސް، މި ނިންމުމުގެ ފަހަތުގައިވާ ސަބަބުތަކާ މެދު ވިސްނާ ފިކުރުކޮށްލުން މުހިންމެވެ. އަތޮޅު ކައުންސިލްތައް އުފެދިގެން އައީ 2010 ވަނަ އަހަރު ތަޞްދީޤުކުރި ލާމަރުކަޒީ ޤާނޫނާއެކުއެވެ. މި ޤާނޫނުގެ ދަށުން އުފެއްދި އަތޮޅު ކައުންސިލްތަކުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިދާރީ ދާއިރާއެއް ހިންގައި އެ ދާއިރާ ތަރައްޤީކުރުމަށް މަސައްކަތްކުރުމާއި ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކަށާއި މުޅި އިދާރީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ
ކަމާބެހޭ ފަރާތްތަކަށް ދިނުމުގެ އިތުރުން ރަށު ކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެ ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުމެވެ.
މި މަޤުޞަދުތައް އަތޮޅު ކައުންސިލްތަކުގެ މައްޗަށް ލާމަރުކަޒީ ޤާނޫނަކުން މަތިކުރާއިރު، ކޮންމެ ރަށެއް ތަރައްޤީކުރަން މަސައްކަތްކުރުމާއި ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް ހަދަން ވަކި ރަށު ކައުންސިލްތަކެއް އޮވެއެވެ. އެހެންކަމުން މިކަންކަން ކުރުމަށް އިތުރު ވަކި އިދާރާއެއް އޮތުމުގެ ބޭނުމާ މެދު ސުވާލު އުފެދެއެވެ.
ދެން އަތޮޅު ކައުންސިލުން ކުރަން ޖެހޭ ކަމަކީ ރަށު ކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެ ކައުންސިލްތައް ހިނގާނުހިނގާ ގޮތް ބެލުމެވެ. ނަމަވެސް މިކަންކަން ކުރުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ނަމުގައި މޮނިޓަރިން އިދާރާއެއް އޮވެއެވެ. މީގެ އިތުރުން ކައުންސިލްތައް ހިނގާނުހިނގާ ގޮތް ބެލުމަށް އޮންނަ މި އިދާރާގެ މެންބަރުންގެ ގޮތުގައި ތިބެނީ އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުންނެވެ. އެހެންކަމުން މިއީ މިކަން އޮންނަންވާނެ އެންމެ ރަނގަޅު ގޮތް ކަމާމެދު ސުވާލު އުފެދެއެވެ. އޭގެ އިތުރަށް ރަށްރަށުގެ ތަރައްޤީގެ ކަންކަމަށާއި ތަރައްޤީގެ ޕްލޭންތަކަށް ގޮތް ކިޔާނަމަ، ލާމަރުކަޒީ ސިފައިގެ ބަދަލުގައި އަތޮޅު ކައުންސިލްތަކުގެ ސަބަބުން ސެންޓްރަލައިޒްޑް ނިޒާމެއް ނުވަތަ މަރުކަޒީ ނިޒާމެއްގެ ސިފަ ޖެހިގެންދެއެވެ. މިއީ ލާމަރުކަޒީ ނިޒާމެއްގެ ޙަޤީޤީ ބޭނުމަށް ގައިމުވެސް ނުވާނެއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން ހާމަކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. އެމަނިކުފާނު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން ރަށު ކައުންސިލްތައް މާލީ ގޮތުން އިތުރަށް ބާރުވެރިވެ، ރައްޔިތުންވެސް ބާރުވެރިވާނެ ކަމަށެވެ. އޭރުން ކޮންމެ ރަށު ކައުންސިލެއް ވެސް މަސައްކަތްކުރާނީ ސީދާ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ގުޅިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއާއެކު އަތޮޅު ކައުންސިލްގެ ސަބަބުން އުފެދިފައިވާ ހުރަސް ނެތިގެންގޮސް، ތަރައްޤީ ގެނައުމުގެ މަރުޙަލާތައް އަވަސްވެ، ހަލުވިވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން ލިބޭ ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ ކައުންސިލްތަކަށް ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ ބަޖެޓަށް އެ ފައިސާ ޖަމާކުރާނީ ރައްޔިތުންގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފާރަތްތަކަށް އެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ލާޒިމް ކުރާ އުޞޫލެއްގެ ތެރެއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަތޮޅު ކައުންސިލް ނެތުނީމަ އެ ސޭވްވާ އެމައުންޓް ހޭދަ މިކުރަނީ ރައްޔިތުންގެ އިޖުތިމާޢީ ކަންކަމަށް އޭގެން ފަހިވާގޮތަށް. އިތުރުވާ ފައިސާ، ބަހާލެވޭ ފައިސާ އެރަށެއްގައި ހުންނަ އިޖުތިމާޢީ ގޮތުން ރައްޔިތުންގެ ތެރެއިން ތިބި އެހީ ބޭނުންވާ ފަރާތްތަކަށް، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވިޔަސް، އެކިކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތައްވިޔަސް، އިމަރޖެންސީކޮށް ދިމާވާ ކަންކަމުގައި ވިޔަސް، މިހެން ހުންނަ ކަންކަން ބޭނުންވާ ދިމަދިމާލަށް އެހީތެރިކަން ދެވޭގޮތަށް ކައުންސިލގެ ބަޖެޓަށް އިތުރުވާ ފައިސާ ބޭނުންކުރުން ލާޒިމްވާގޮތަށް ކައުންސިލްތަކަށް މިދެނީ." އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުން ކައުންސިލްތަަކަށްދޭ ބްލޮކް ގްރާންޓްވެސް އިތުރުވާނެއެވެ. އެގޮތުން ބްލޮކް ގްރާންޓް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ބިން ބޮޑު ރަށްރަށަށް އިސްކަންދޭ ގޮތަށް ބްލޮކް ގްރާންޓް ދިނުމަށް ނިންމެވުމުން ވެސް އަންނަ އަހަރުގެ ބަޖެޓުން ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓް ވަނީ އިތުރުވެފައެވެ.
ކައުންސިލްތަކުގެ ނިންމުންތައް އަވަސްވެ ހަލުވިކުރުމަށްޓަކައި ކައުންސިލްތަކުގައި ތިއްބަވާ މެންބަރުންގެ އަދަދު މަދުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން 2000 މީހުންނަށް ވުރެ ކުޑަ އާބާދީ އުޅޭ ރަށްރަށުގައި 3 މެމްބަރުންގެ ކައުންސިލެއް ބޭއްވުމަށާއި 2000 އަށްވުރެ ގިނަ މީހުންގެ އާބާދީއަށް 5 މެމްބަރުންގެ ކައުންސިލެއް ބޭއްވުމަށް ވަނީ ނިންމަވާފައެވެ. އަތޮޅު ކައުންސިލްތައް އުވާލުމަށާއި މެންބަރުން މަދުކުރަން ގެންނަ އިޞްލާޙުތައް ސަރުކާރުގެ ފަރާތުން މިހާރު ވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ. ސަރުކާރުން ކުރައްވަމުން ގެންދަވާ މި މަސައްކަތްތަކުގެ ނަތީޖާއަކަށްވާނީ ރައްޔިތުންގެ މުހުތާދުތައް އަވަހަށް ފުއްދައިދެވޭ ލާމަރުކަޒީ ނިޒާމެއް ޤާއިމުވެ، ރައްޔިތުން ބޭނުންވާ ފަދަ ފޮނި ނަތީޖާތަކެއް ޙާސިލުވުމެވެ.