ޚަބަރު

"ލާމަރުކަޒީ ޤާނޫނު އިޞްލާޙުކުރަނީ ތަރައްޤީގެ ޕްލޭންތައް ނިންމާ، މަސައްކަތް ފެށޭނެ މަގު ފަހިކުރަން"


  • ކައުންސިލްތަކުގައި ގިނަ މެންބަރުން ތިބުމުން ގޮތް ނިންމަން އުނދަގޫވޭ

  • އަތޮޅު ކައުންސިލްތައް އުވާލުމަކީވެސް މަސައްކަތް އަވަސްވާނެކަމެއްކަމަށް ވިދާޅުވި

ސަރުކާރުގެ ފަރާތުން މިހާރު ލާމަރުކަޒީ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙުތަކުގެ ސަބަބުން ތަރައްޤީގެ ޕްލޭންތައް ކައުންސިލްތަކަށް އަވަހަށް ނިންމި، އަވަހަށް މަސައްކަތް ފެށުމަށް މަގުފަހިވާނެކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ބަންޑާރަނައިބުގެ ވާހަކަފުޅުގައި ސަރުކާރުން ބައެއް ޤާނޫނުތަކަށް ގެނައުމަށް މިހާރު ހުށައަޅާފައިވާ އިސްލާޙުތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވަމުން ބަންޑާރަނައިބު ވިދާޅުވީ މިހާރު އެ އަދަދު އޮންނަ ގޮތުން ނިންމުންތައް ނިންމުމުގައި ލަސްވުމުގެ އިތުރުން ކައުންސިލްތަކަށް ކުރަންޖެހޭ ޚަރަދުވެސް އިތުރުވާ ކަމަށެވެ. އެހެންކަމުން ތަރައްޤީއާއި ރައްޔިތުން ބޭނުންވާ ކަންކަން އަވަހަށް ނިންމައި، ޢަމަލީ ގޮތުން ތަންފީޒުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ލާމަރުކަޒީ ޤާނޫނު އިސްލާހުކުރަން ސަރުކާރުން ބޭނުންވާކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

އަދި އަތޮޅު ކައުންސިލްތައް އުވާލުމާއެކު ގޮތް ނިންމުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއާއި ރަށު ކައުންސިލްތަކާ ދެމެދު އުފެދޭ ފަށަލަ ނައްތާލެވޭނެކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ. މިއީވެސް ކައުންސިލްތަކުގެ މަސައްކަތްތައް އަވަސްވާނެކަމެއްގެ ގޮތުގައި ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

"މިހާރު އޮތް ގޮތުން ބޭކާރު ޚަރަދުތައް އެބަހިނގާ. ހަގީގީ ނަތީޖާއެއް ނުފެނޭ. 3 ކައުންސިލަރުން ނުވަތަ 5 ކައުންސިލަރުންނަށް މަދުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހުށައަޅާފައިވަނީ. އޭރުން މާ އެފިޝަންޓްވާނެ. ކަންކަން ނުނިންމޭ ހާލަތަށް ގޮސްފައި އެބަހުރި ކައުންސިލަރުން ގިނަވީމަ." ބަންޑާރަނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ މި ސަރުކާރަށް މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި 65 ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 50 ބިލެއް މަޖިލީހުން ފާސްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު މިހާރު ޤާނޫނަކަށްވެފައިވާކަމަށް ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 10 ބިލެއް މަޖިލީހަށް ހުށައެޅުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ބަންޑާރަނައިބުގެ ވާހަކަފުޅުގައި ސަރުކާރުން މިހާތަނަށް ފާސްކުރައްވާފައިވާ ބައެއް މުހިންމު ބިލުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ގޭންގު ކުށްތައް ހުއްޓުވުމާއި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަކީ ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއްދެއްވާ ކަމެއްކަން ފާހަގަކުރައްވަމުން އެކަމާ ގުޅޭ ބިލުތައް ހަރުކަށި އަދަބުތަކާއެކު އެކުލަވާލައި ފާސްވެ ޤާނޫނަކަށްވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނެސް، ފުލުހުންނަށް އިތުރު ބާރުތައް ދީފައިވާކަން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ފާހަގަކުރެއްވިއެވެ.