ޚަބަރު

އެމެރިކާއިން ސަޢުދީ ޢަރަބިއްޔާއަށް ވިއްކާ އެފް-35 ޖެޓުތަކުގައި ޔަހޫދީންގެ ޖެޓުތަކުގައި ހިމެނޭ އެންމެ މޮޅެތި ސިފަތައް ނުހިމެނޭނެ


އެމެރިކާއިން ސަޢުދީ ޢަރަބިއްޔާއަށް އެންމެ ފަހުގެ އެފް-35 އަސްކަރީ ޖެޓު ވިއްކި ނަމަވެސް ޔަހޫދީންނަށް ދެރައެއް ނެތް ކަމަށް ޔަހޫދީ ސަރުކާރުގެ ތަރުޖަމާނަކު ބުނެފިއެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ޒަމާނީ އެފް-35 އަސްކަރީ ޖެޓު ގެންގުޅެނީ ހަމައެކަނި ޔަހޫދީންނެވެ. އެފް-35 ޖެޓަކީ މިހާތަނަށް އުފައްދާފައިވާ އެންމެ މޮޅު އަދި ވަރުގަދަ އަސްކަރީ ޖެޓުތަކުގެ ތެރެއިން ޖެޓެކެވެ.

އެމެރިކާއިން މި ޖެތުތައް ސަޢުދީ ޢަރަބިއްޔާއަށް ވިއްކުމަށް ނިންމާފައިވާއިރު، މެދުއިރުމަތީގެ އެހެން ޤައުމަކަށް އެ ޖެޓުތައް ލިބުމުން ޔަހޫދީންގެ މައްޗަށް އަސްކަރީ ގޮތުން ކުރި ހޯދުމަށް މަގުފަހިވެއެވެ. ނަމަވެސް އެމެރިކާގެ ޤާނޫނުގައި ވެސް ސަރަޙައްދީ އެހެން ޤައުމުތަކަށް ވުރެ އަސްކަރީ ގޮތުން މޮޅު ގޮތް ޔަހޫދީންނަށް ހޯދައިދޭނެ ކަން ޔަޤީންކޮށްދެއެވެ.

ޔަހޫދީންގެ ތަރުޖަމާނު ޝޮޝް ބެެދްރޯސިއަން ބުނީ ސަރަޙައްދީ އެހެން ޤައުމުތަކުގެ މައްޗަށް ޔަހޫދީންނަށް ދިފާޢީ ގޮތުން ބާރުވެރިވެވޭނެ ގޮތް އެމެރިކާއިން ފަހިކޮށްދިނުމަކީ ދެ ފަރާތުގެ ދެމެދުގައި އޮތް ޒަމާންވީ އެއްބަސްވުމެއް ކަމަށެވެ. ސަޢުދީ ޢަރަބިއްޔާއަށް އެފް-35 ޖެޓު ވިއްކި ނަމަވެސް ކަން އޮންނާނީ އެ ގޮތަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެމެރިކާއިން ވެސް ވަނީ ސަޢުދީ ޢަރަބިއްޔާއަށް ވިއްކާ އެފް-35 ޖެޓުތަކުގައި ޔަހޫދީން ގެންގުޅޭ އެފް-35ތަކުގައި ހުންނަ ބައެއް ޚާއްޞަ ސިފަތައް ނުހިމެނޭނެ ކަމަށް ބުނެފައެވެ. އެ ގޮތުން ޔަހޫދީން ގެންގުޅޭ ޖެޓުތަކުގައި ހުންނަ އެންމެ ފަހުގެ ހަތިޔާރު ނިޒާމާއި، ބައެއް އިލެކްޓްރޯނިކް ހަނގުރާމަމަތީ ސާމާނު ސަޢުދީ ޢަރަބިއްޔާއަށް ވިއްކާ ޖެޓުތަކުގައި ނުހިމެނޭނެއެވެ.