ޚަބަރު

އެހީއާއި މުދާ ހޯދުމަށް ޠާލިބާނުންގެ ވިޔަފާރިއާ ބެހޭ ވަޒީރު އިންޑިޔާއަށް


އަފްޣާނިސްތާނަށް ވުނައިގެ ދާއިރާއިން އެހީތެރިކަން ހޯދުމަށާއި، އިތުރު މުދާ ހޯދުމަށް އެ ޤައުމުގައި ވެރިކަން ކުރާ ޠާލިބާނުންގެ ވިޔަފާރިއާ ބެހޭ ވަޒީރު ނޫރުއްދީން ޢަޛީޛީ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީއަށް ގޮސްފިއެވެ. ޢަޛީޛީ ދެއްލީއަށް ގޮސްފައި މި ވަނީ، އިންޑިޔާއާއި އަފްޣާނިސްތާނާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ކާބުލާއި ދިއްލީގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހަރުދަނާ ކުރުމުގެ ގޮތުން ދިއްލީން ހުސްވި މަހު ވަނީ ކާބުލްގައި ހުންނަ އިންޑިޔާގެ އެމްބަސީ ހުޅުވާފައެވެ. އެ އެމްބަސީ ބަންދު ކޮށްފައި ވަނީ، 2021ވަނަ އަހަރު ކާބުލްގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި، ޠާލިބާނުން ވެރިކަން ފޭރިގަތުމާ ގުޅިގެންނެވެ. މީގެ އިތުރުން އަފްޣާނިސްތާނަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ދިއްލީގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަފްޣާނިސްތާންގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ، ޢަޛީޛީގެ ދަތުރުގައި އިންޑިޔާގެ ވިޔަފާރިއާއި ބެހޭ ވަޒީރުގެ އިތުރުން ޚާރިޖީ ވަޒީރާ ބައްދަލުކޮށް، ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އެ ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހިކޮށް، ވިޔަފާރި ފުޅާ ކުރުމުގެ އިތުރުން ވުނައިގެ ދާއިރާއިން އިންޑިޔާގެ އެހީތެރިކަން ހޯދުމާއި ސަރަޙައްދީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގައި އަފްޣާނިސްތާނުގެ ދައުރު ފުޅާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.

ޢަޛީޛީ ދިއްލީއަށް ކުރާ ދަތުރުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި އިންޑިޔާއިން ގޮވާމުގެ ބާވަތްތަކާއި ބޭސްފަރުވާގެ ސާމާނު ހޯދުން ހިމެނެއެވެ. މީގެ އިތުރުން ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ހޯދުމަށް މަސައްކަތް ކުރުން ވެސް ފާހަގަކުރެވެއެވެ. އީރާންގެ ޗަބަހާރު ބަނދަރުގައި އިންޑިޔާއިން ހިންގާ ޝަހީދު ބެހެޝްޓީ ޓަރމިނަލް އިތުރު ހަ މަސްދުވަހު ބެލެހެއްޓުމުގެ ހުއްދަ އިންޑިޔާއަށް ލިބިފައިވާއިރު، އެ ބަނދަރު މެދުވެރިކޮށް އަފްޣާނިސްތާނަށް މުދާ ފޯރުކޮށްދިނުމުގެ މަގު އިންޑިޔާއަށް ވަނީ ފަހިވެފައެވެ.

އީރާންގެ ޗަބަހާރު ބަނދަރު މެދުވެރިކޮށް އަފްޣާނިސްތާނުން ފާއިތުވި ހަ މަސްދުވަހުގެ ހިންގާފައިވާ ވިޔަފާރީގެ މުޢާމަލާތުތަކުގެ އަގު 1.6 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. ޢަޛީޛީގެ ދަތުރާ ގުޅޭ ގޮތުން އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރް ޖަޔަސްވާލް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި "ވުނައިގެ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިން ދޭދޭ ގުޅުންތައް ހަރުދަނާ ކުރުމަކީ [ޢަޛީޛީގެ] ދަތުރުގެ މައިގަނޑު މަޤުޞަދެއް" ކަމުގައެވެ. ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ބަދަހި ކުރަމުން ދިޔަ ނަމަވެސް، ދެއްލީ ރަސްމީކޮށް ޠާލިބާނުންގެ ސަރުކާރު ބަލައިގަނެފައި ނުވާ ކަން ފާހަގަ ކުރެވެއެވެ.