ޚަބަރު

ސިޗުއޭޝަން އޮފް ޗިލްޑްރަން އިން ޝެލްޓަރސް 'ކޮންފަރެންސް ފަށައިފި


ދައުލަތުގެ ބެލުމުގެ ދަށުން އެކި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި، އެފަދަ ކަންކަމަށް ޙައްލު ހޯއްދެވުމުގެ ގޮތުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން، އާރކް އިން ކޮންފަރެންސެއް ފަށައިފިއެވެ. މި ކޮންފަރެންސްގައި މައިގަނޑު 5 ދާއިރާއެއްގެ މައްޗަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.

''ސިޗުއޭޝަން އޮފް ޗިލްޑްރަން އިން ޝެލްޓަރސް'' ކޮންފަރެންސްގެ ބޭނުމަކީ، މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ޙައްޤުތަށް ޙިމާޔަތްކޮށް، ރައްކާތެރި ކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކާއި، ސަރުކާރުގެ ވުޒާރާތައް އެކުއެކީގައި، ބިނާކުރަނިވި ގޮތަކަށް މަޝްވަރާކޮށް މުސްތަޤްބަލުގައި ކުރިއަށްދާނެ ގޮތްތަކާމެދު ޚިޔާލު ބަދަލުކޮށް، މި މަސައްކަތުގައި ކުރިމަތިވާ އެންމެހާ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމެވެ. ޔުނިސެފްގެ އެހީގައި އާރކުން ކުރިއަށްގެންދާ ޝެލްޓަރ ސަޕޯޓް ޕްރޮގްރާމަކީ، ސަރުކާރުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް ލިބެންޖެހޭ އެންމެހޭ ޙައްޤުތައް ހޯދައިދީ ކޮންމެ ކުއްޖަކަށްވެސް އުފާވެރިކަމާއެކު އެ ކުއްޖަކު ޙާސިލްކުރަން ބޭނުންވާ ކަންތަކާއި ހަމަޔަށް ވާޞިލްވުމުގެ ފުރުޞަތުތަށް ފަހިކޮށްދިނުން ކަމަށް އާރކުން ބުނެއެވެ.

މި ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއަރޒް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވަނީ އެކިއެކި ސަބަބުތަކާއިހެދި ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުދިންގެ ޢަދަދު އިތުރުވަމުން ދާކަން ފާހަގަކުރައްވާފައެވެ. ޢާޒިމާ ވިދާޅުވި، ބައެއް ބެލެނިވެރިން އެމީހުންގެ ޒިންމާ އަދާނުކޮށް ހިޔާތަކުގައި ކުދިން ބައިތިއްބަން ބާރު އަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

''ހިޔާއަށް އެކުދިން ލުމަކީ ޙައްލެއް ނޫން.. ބެލެނިވެރިން އެމީހުންގެ ޒިންމާ އަދާނުކޮށް ހިޔާގައި ކުދިން ބޭތިއްބުމަށް އެބައެދޭ.. ކުދިންނަށް ގެއްލުންވާކަމުގައި ވަނީނަމަ، އެކުދިން ދައުލަތުން ބަލަހައްޓަންޖެހޭ، ދައުލަތަށް ނަގާނެ، އެހެން ބުނާ މީހުންނާއި ކުދިންނާ މެދު އިހުމާލުވާ މީހުންނާމެދު އެޅޭ ފިޔަވަޅު ބޮޑުވާންޖެހޭ ކަމަށް ޤަބޫލުކުރެވޭ، އެހެންކަމުން މިވެސް އެޑްރެސް ކުރެވެންޖެހޭ ކަމެއް'' މިނިސްޓަރ ފޮރ ލީގަލް އެފެއަރޒް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވިއެވެ.

ޢާޒިމާގެ ވާހަކަފުޅުގައި، މިދާއިރާގައި ހުރި ކަންބޮޑުވަންތަށް ގިނަކަން ފާހަގަކުރެއްވިއެވެ. ހިޔާތަކުގައި ދިރިއުޅޭ ކުދިން ރަނގަޅު ތަރުބިއްޔަތެއް ދީ، އެކުދިން މުޖުތުމަޢަށް އަނބުރާ ގެނެވޭނެ ހަރުދަނާ ގޮތްތަކަކީ ކޮބައިކަން ދެނެގަންޖެހޭ ކަމަށް މިނިސްޓަރ ޢާޒިމާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ރައްކާތެރި މާޙައުލެއް ޤާއިމްކުރައްވައި، އެކުދިންނަކީ މުޖުތަމަޢުގެ އެހެން ކުދިންނެކޭ އެއްފަދައިން ޢާއިލާގެ ލޯތްބާއި އަޅާލުން ލިބިގެން ބޮޑުވާ ކުދިންނަށް ހެއްދެވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

"އަސާސީ ޚިދުމަތްތަކުގެ އިތުރަށް އެކުދިންނަށް އަޅާލުމާއި ލޯބި ބޭނުންވާވަރު އަޅުގަނޑަށް އިނގޭ. ދައުލަތުގެ ބެލުމުގެ ދަށުގައި ކިތަންމެ ގިނަ ކުދިން ތިބިކަމުގައި ވިޔަސް، އެކުދިންނަކީ މުޖުތަމަޢުގައި ހަވާސާކުރެވިފައި ކުދިންނަށް ނުހަދައި، އެކުދިންނަށް ވަރަށް އުޖާލާ މުސްތަޤްބަލެއް ހޯދައިދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.. އަދި ދައުލަތުން އެކުދިންގެ ޙާލަތު ރަނގަޅު ކުރުމަށް މިދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން." މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ.

އާރކްގެ އެކްޓިންގ އެގްޒެގެޓިވް ޑައިރެކްޓަރ ޒީނާ ޒާހިދު ވިދާޅުވީ، މި ކޮންފަރެންސްގައި ހިޔާގައި ތިބި ކުދިންގެ ސިއްޙަތާއި ދުޅަހެޔޮ ކަމާއި، ތަޢުލީމް ލިބިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

"ކުދިން ބައިތިއްބާ މަރުކަޒުތަކުގައި ހުރި ގޮންޖެހުންތަކަށް އެކަށީގެންވާ ޙައްލު ހޯދައިދީ، އެކުދިންގެ ދިރިއުޅުން ކުރިއެރުވޭނެ ގޮތްތަކެއް ހޯދިގެންދާނެ." އާރކްގެ އެކްޓިންގ އެގްޒެގެޓިވް ޑައިރެކްޓަރ ޒީނާ ޒާހިދު ވިދާޅުވިއެވެ.

އާރކުން އަންނަނީ މަރުކަޒުތަކުގައި އުޅޭ ކުދިންނަށް ތަފާތު ތަޢުލީމީ ޕްރޮގްރާމްތަކާއި ކުޅިވަރު ޙަރަކާތްތައް ހިންގުމުގެ އިތުރުން މުވައްޒަފުން ބިނާކުރުމަށް އެކިއެކި ތަމްރީނު ހިންގަމުންނެވެ. މި ކޮންފަރެންސްގައި ކުޑަކުދިންގެ ހިޔާ، އަމާން ހިޔާ، އަދި ފިޔަވަތީގެ އިސް މުވައްޒަފުންނާއި ކަމާގުޅުންހުރި ދާއިރާތަކުން 19 ބޭފުޅުން ބައިވެރިވެލެއްވިއެވެ.