ޚަބަރު

ބ އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި


މިހާރު ކުރަމުންދާ ވިއްސާރައިގައި، ބ އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކުރެއްވޭތީ، އެސަރަޙައްދަށް މޫސުމާބެހޭ އިދާރާއިން ވައިޓް އެލާޓް ނެރުއްވައިފިއެވެ. ވައިޓް އެލާޓް ނެރުއްވާފައިވަނީ މިއަދު އިރުއޮއްސި 6:30 އާއި ހަމައަށެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެއިދާރާއިން ހާމަކުރައްވައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެއްވޭ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އަދި ރާއްޖޭގެ ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހި، ވައި ގަދަވެ އަދި ކަނޑުތައް ގަދަވާނެތީވެ، ހުރިހާ ފަރާތްތަކުން ސަމާލުކަން ދިނުމަށާއި، އަދި ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސް ކުރައްވައެވެ. މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިންވެސް އިލްތިމާސް ކުރައްވާފައިވެއެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީން ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރައްވައެވެ. ވަކިން ޚާއްސަކޮށް، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށާއި، އަދި މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަަސައްކަތްކުރޭތޯ ޔަގީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށްވެސް ފުލުހުން އިލްތިމާސް ކުރެއްވިއެވެ.