ސަޢޫދީ ޢަރަބިއްޔާއިން އެމެރިކާގައި 1 ޓްރިލިޔަން އެމެރިކާ ޑޮލަރު ވުނަކުރުމަށް ނިންމާފައިވާ ކަން އިޢުލާނު ކޮށްފިއެވެ. މި ކަން ހާމަކުރައްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް-ސުޢޫދެވެ. ހަތް އަހަރަށް ފަހު ވޮޝިންގްޓަނަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ދަތުރުފުޅުގައި ވަލީއަޙުދު މުޙައްމަދު ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި، އޭނާގެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއް ސޮއި ކުރެވިގެން ދިޔައެވެ.
ސަޢޫދީ ޢަރަބިއްޔާއާ އެކު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ޓްރަމްޕް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭނާ ސިފަ ކުރެެއްވި ގޮތުގައި، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ޤައުމުތަކުގެ ބޭރުން އެމެރިކާގެ އެންމެ ގާތް އެއް ބައިވެރިއަކީ ސަޢޫދީ ޢަރަބިއްޔާއެވެ. ޓްރަމްޕްގެ ޙަޤީޤީ މަޤުޞަދަކީ، އިބްރާހީމް މުޢަހަދާގައި ސޮއިކޮށް، ޔަހޫދީންނާ ގުޅުން ބަދަހި ކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ބާރު އެޅުއްވުމެވެ. އަދި، ސަޢޫދީ ޢަރަބިއްޔާއިން އެމެރިކާގައި ވުނަކުރުމަށް ބާރު އެޅުއްވުމެވެ. ވަލީއަޙުދު މުޙަ
އްމަދު ރުއްސެވުމުގެ ގޮތުން ވޮޝިންގްޓަނުން ޓްރަމްޕް ވަނީ އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ނަމަވެސް، ފަލަސްޠީނުގެ މިނިވަން ކަމަށް ޔަހޫދީންނާއި އެމެރިކާއިން ހުރަސް އަޅާތީ، ޔަހޫދީންނާ ގުޅުން ބަދަހި ކުރުމަށް ރިޔާޟުން ދަނީ އިންކާރު ކުރަމުންނެވެ.
ވައިޓް ހައުސުން ބުނީ، ސަޢޫދީ ވަލީއަޙުދުގެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ދާއިރާއިން މުހިންމު އެއްބަސްވުމެއްގައި ސޮއި ކުރެވިގެން ދިޔަ ކަމުގައެވެ. މީގެ އިތުރުން، އެމެރިކާގައި އުފައްދާ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ސަޢޫދީ ޢަރަބިއްޔާއަށް ވިއްކުމަށް ވެސް ޓްރަމްޕް ވަނީ ރުހުން ދެއްވާފައެވެ. އެއީ، އެމެެރިކާގެ ކުންފުނި، ލޮކްހީޑް މާޓިނުން އުފައްދައި، އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ކުރާ އެންމެ ފަހުގެ ޒަމާނީ އަސްކަރީ މަތިންދާބޯޓެވެ.
މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން މި ވަގުތު އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ވިއްކާފައިވާ ހަމައެކަނި ޤައުމަކީ ޔަހޫދީ ދައުލަތެވެ. މީގެ އިތުރުން، އެމެރިކާއިން އަސްކަރީ ޓޭންކުފަހަރު ގަތުމަށް ސަޢޫދީ ޢަރަބިއްޔާއިން އެއްބަސްވެފައިވާ ކަން ވެސް ވައިޓް ހައުސުން ހާމަކުރިއެވެ.
މޭ މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ރިޔާޟަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ސަޢޫދީ ސަރުކާރުން ވަނީ، އެމެރިކާގައި 600 ބިލިޔަން ޑޮލަރު ވުނަކުރުމަށް ނިންމާފައިވާ ކަން އިޢުލާނު ކޮށްފައެވެ. ނަމަވެސް، ޓްރަމްޕާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ވަލީއަޙުދު މުޙައްމަދު ވަނީ އެ އަދަދު 1 ޓްރިލިޔަން އެމެރިކާ ޑޮލަރަށް އިތުރު ކުރުމަށް ސަޢޫދީ ސަރުކާރުން ނިންމާފައިވާ ކަން ހާމަ ކުރައްވާފައެވެ. މިއީ، ޓްރަމްޕް ރުހިވަޑައިގަންނަވާނެ ނިންމުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާއިރު، މި ކަމާ ގުޅޭ އިތުރު ތަފުސީލު ވޮޝިންގްޓަނުން އަދި ރިޔާޟުން ވެސް ހާމަކޮށްފައެއް ނެތެވެ.