ކުޅިވަރު

މާދަމާރޭ ދަނޑަށް ދާންވީ ކީއްވެ؟


2008 ވަނަ އަހަރު ދިވެހި ޤައުމީ ޓީމް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން ދިވެހި ފުޓްބޯޅައިގެ ވާހަކަ ދެއްކުން އިންތިހާއަށް އިތުރުވިއެވެ. ދިވެހިންގެ ހިތުގައި ދިވެހި ފުޓްބޯޅައަށް އޮތް ޖޯޝާއި ފޯރި ނިކަން ރަނގަޅަށް ހާމަވިއެވެ. ދިވެހި ޤައުމީ ޓީމްގެ ކުޅުންތެރިން ބަތަލުންނަށް ވިއެވެ. ދިވެހި ފަސްގަނޑުގައި ފުޓްބޯޅައަށްވުރެ ނުފޫޒުގަދަ އެހެން ވައިރަހެއް ނެތްކަން ސާބިތުވިއެވެ.

ނަމަވެސް އޭގެ ފަހުން އަހަރަކަށްފަހު އަހަރެއް އައީ ފުޓްބޯޅައިގެ ފޯރި ކެނޑި، އަޑު މަޑުވަމުންނެވެ. އެންމެ ފަހުން ދިވެހި ރަސްމީ ދަނޑުވެސް ފަޅުވިއެވެ. އެފަހުން ދިވެހި ފުޓްބޯޅައިގެ ވާހަކަ އެންމެ ބާރަށް ދެކެވެމުން މިދަނީ މިހަފްތާއެއްހާ ދުވަހުއެވެ. އަލުން އެއަޑު ގުގުމަން މިފެށީވެސް ދިވެހިންނަށް ފަޚްރުވެރި ކާމިޔާބީ ހޯދައިދިން ޤައުމީ ޓީމާއެކުގައެވެ. އެޓީމް އަލުން ދަނޑަށް ނިކުންނަން ތައްޔާރުވުމުންނެވެ. އެތަށި ހޯދައިދިން ކޯޗު އަލުން އެނބުރި 24 ގަޑިއިރަށް ނަމަވެސް ދިވެހި ރަސްމީ ދަނޑަށް، ދިވެހި ޓީމްގެ ބެންޗަށް ނިކުންނަން ތައްޔާރުވުމުންނެވެ. މިއީ ދިވެހި ފުޓްބޯޅައިގެ ވާހަކަ އަލުން ދައްކަންވީ ވަގުތެވެ. އެފޯރި އަނބުރާ ގެންނަން ހަމަ އެންމެ ރަނގަޅު ދަނޑިވަޅެވެ. އެކަމަށް އެންމެ ފުރަތަމަ ކުރަންއޮތް ކަމަކީ މާދަމާރޭ ދަނޑަށް ދިއުމެވެ. ސަބަބުތައް ބައިވަރެވެ.

މިއީ ދިވެހި ރަސްމީ ދަނޑުގައި ދިވެހި ޤައުމީ ފުޓްބޯޅަ ދެޓީމް ކުޅޭ ފުރަތަމަ ފަހަރަށް ވެދާނެއެވެ. އެއްކޮޅުން ދިވެހިންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދިން ރަން ޤައުމީ ޓީމެވެ. އަނެއް ކޮޅުން ދިވެހިންގެ އުއްމީދުތައް ކޮނޑު އަޅައިގެން ހިތްވަރާއެކު ކާމިޔާބީ ހޯދައިދޭން މަސައްކަތްކުރަމުންދާ ޤައުމީ ޓީމެވެ. ދެޓީމަށްވެސް ދިވެހިންގެ ހިތްވަރާއި ތާއީދު ބޭނުންވެއެވެ.

" މިހާރު ކާމިޔާބު ނުލިބެނީ ސަޕޯޓަރުންގެ ފޯރިވެސް ނެތުނީމަ. ފޯރި ނެތިއްޔާ ކާމިޔާބު ހޯދަން އުނދަގޫވާނެ " ރަންގޯލް ޖަހައިދިން މުޚުޠާރު ނަސީރަށް މިހެން ބުނުމުގެ ފުރުޞަތު ދީގެން ނުވާނެއެވެ. އެފުރުޞަތު ބަންދުކުރަންވެސް މާދަމާރޭ ދަނޑަށްދާން ޖެހެއެވެ. ދެޓީމްގެ ފެންވަރު ކޮންމެވެސް ނާޅިއަކުން މިނާލަންވެސް މިފުރުޞަތުގެ ބޭނުން ހިފަން ޖެހެއެވެ.

ތަށި ހޯދައިދިން ކުޅުންތެރިންގެ އަގު ދިވެހިން ނިކަން ފުރިހަމައަށް ވަޒަން ކުރިއެވެ. އެޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން އުފަލުގެ ކަރުނައިން ތެންމާލިއެވެ. ނަމަވެސް އެއީ 2008 ވަނަ އަހަރުއެވެ. އެލޯތްބާއި، އިހުތިރާމް މިއަދުވެސް އަހަރެމެންގެ ހިތުގައި އެކުޅުންތެރިންނަށް އެބައޮތް ހެއްޔެވެ؟ ތަށި ހޯދައިދިން ކާމިޔާބު ކޯޗު ޖޯސެފް ޔަންކޭއަށް އެލޯބި އަދިވެސް އެބައޮތް ހެއްޔެވެ؟ ސާންތީއާއި މޯހަންގެ މަތިން ހަނދާން އެބަހުރިހެއްޔެވެ؟ ޖަވާބަކީ އާނއެކޭ ނަމަ އެކަން ސާބިތުކޮށްދޭންވެސް މާދަމާރޭ ދަނޑަށްދާން ޖެހެއެވެ. ކެޕްޓަން އަސްއަދު ބުނާހެން ދަނޑަށް ދާން ޖެހެނީ " 2008 ވަނަ އަހަރުގެ ހަނދާން ތަކާއެކުގައެވެ "

ބަނގްލަދޭޝް އަތުން ބަލިވާން ބޭނުން ހެއްޔެވެ؟ ލާއޯސް އަކީ ދިވެހިންނަށް ބަލި ނުކުރެވޭނެ މޮޅު ޓީމެއް ނޫނެވެ. ނަމަވެސް އެކަމަށް ސަޕޯޓަރުންގެ ޖޯޝާއި ފޯރި ބޭނުންވެއެވެ. މާދަމާރޭގެ މެޗަށްފަހު ގާތް ގާތުގައި ދިވެހި ޤައުމީ ޓީމް ނިކުންނާނީ އެދެޓީމާ ދެކޮޅަށެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ދިވެހި ފަސް ގަނޑުގައި ބަނގްލަދޭޝްއާ ދެކޮޅަށެވެ. އޭގެ ފަހުން ހަ ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށެވެ. ބަނގްލަދޭޝްއާއި ދެކޮޅަށް ކުޅޭ ބައިނަލްއަޤްވާމީ ރަހުމްތެރިކަމުގެ މެޗާއި، ލާއޯސްއާއި ދެކޮޅަށް ކުޅޭ އޭޝިޔަން ކަޕް ކޮލިފައިންގެ މެޗުވެސް މުޙިއްމެވެ. އެމެޗުގެ މުޙިންމުކަން ދިވެހި ސަޕޯޓަރުން ޤަބޫލުކޮށް ޓީމްގެ ފަހަތަށް ވަންނަން މިއަށްވުރެ ރަނގަޅު އެހެން ފުރުޞަތެއް ނެތެވެ.

ދަނޑުމަތީގައި އަހުމަދު ތާރިޤް ( ޓޮމް ) ދެއްކި ޖާދުލާއި، އުދުހުނު އުދުހުން ފިލާ ދާހާ ދުވަހެއް އަދި ނުވެއެވެ. އަލީ އުމަރު ދިވެހި ފުޓްބޯޅައަށް ކޮށްދިން ޚިދުމަތާއި، ހޯދި ކާމިޔާބީއާއި، އެމޮޅު ކުޅުން އަދިވެސް ތަސްވީރު ކުރެވޭނެއެވެ. އަސްއަދު އަބްދުލްޣަނީއަކީ އެފަދަ ދެވަނައެއް ނެތް ލީޑަރެކެވެ. ޑިސިޕްލިންގ ކޮމްޕިލީޓް ކެޕްޓަނެކެވެ. އަހުމަދު ޝަކީބުގެ ޚިދުމަތް މިއަދުވެސް ދިވެހި ކުޅުންތެރިންނަށް ދަނީ ލިބެމުންނެވެ. މިއީ މުޅިންވެސް ރަންކާމިޔާބުގެ މޭސްތިރިންނެވެ. އޭގެކުރިއަށް ޖެހިލާއިރު މުޙައްމަދު ކަލީމަކީ ދިވެހި ފުޓްބޯޅައިގެ ކާމިޔާބީގެ ފެށުން ގެނެސްދިން ކެޕްޓަނެވެ. މިހުރިހާ ބޭފުޅުންވެސް މިއަދު އެތިއްބެވީ އެފްއޭއެމް ހިންގެވުމުގައެވެ. ގެއްލިފައިވާ ފޯރި އަލުން ގެނައުމަށް މިކުރާ މަސައްކަތަކީ އެބޭފުޅުންގެ އިސްނެންގެވުމާއި، ފުޓްބޯޅައަށް އޮތް ލޯތްބާއި ޝައުޤެވެ. އެމަސައްކަތުގައި ބައިވެރިވާންވެސް މާދަމާރޭ ދަނޑަށް ދާން ޖެހެއެވެ.

މިހާރުކުރިއަށްދާ އަތޮޅު ފުޓްބޯޅަ މުބާރާތް، މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީ ސަޕޯޓަރުންގެ ފަރާތުން އާދަޔާ ހިލާފް ސަޕޯޓެއް ފެނުނު ވާހަކަ އަކީ މަޝްހޫރ ވާހަކައެކެވެ. އޭގެން ދައްކުވައިދެނީ ދިވެހި ފުޓްބޯޅައިގެ ފޯރި އޮތްކަމެވެ. އެފޯރި ގެނައުމަށް އިސްނަގާނެ ފަރާތެއް ބޭނުންވާކަމެވެ. އެފްއޭއެމްގެ ރައީސް އަހުމަދު ތާރިޤްގެ ޚާއްޞަ ދައުވަތަށް، ކުޅުދުއްފުށީ ސަޕޯޓަރުން އެވަނީ އިސްނަގާފައެވެ. އެ ކްރައުޑްގެ ތެރެއަށް ދިވެހި ހުރިހާ ސަޕޯޓަރުން މާދަމާރޭ ވަދެ މިއީ ފެށުމަކަށް ހަދަމާ ހިނގާށެވެ. އިހު ފޯރި ނިކަން ރަނގަޅަށް ދައްކާލަން މިއީ ފުރުޞަތެކެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ދެ ތަރިން މާދަމާރޭ ބައިވެރިވުމަކީ ޚާއްޞަ ކަމެކެވެ. ނަމަވެސް ދިވެހި ސަޕޯޓަރުން ހަޤީޤަތުގައި ދަނޑަށް ދާންވީ އެންމެ މުޙިންމު ސަބަބުކަމަކަށް ނުދެކެމެވެ. އެހެނީ އެދެކުޅުންތެރިންވެސް ދިވެހިންނާއި، ދިވެހި ޓީމާ ބައިވެރިވަނީ ގެއްލިފައިވާ ދިވެހި ފުޓްބޯޅައިގެ ފޯރި ގެނެސްދިނުމަށެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މިޑްފީލްޑަރ ޒަވީ ދިވެހި ސަޕޯޓަރުންނާއި ބައިވެރިވާނެއެވެ. ދިވެހި ސަޕޯޓަރުން ޒަވީއާ ބައިވެރިވެ، ދިވެހި ފުޓްބޯޅައިގެ ފޯރި އޮތްވަރު ދައްކާލަން ޖެހެއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މެސީ ކެޕްޓަންކަން ކުރާ އާޖެންޓީނާގެ ކުރީގެ ކެޕްޓަން އަދި ޑިފެންޑަރ ރަން މެޑަލް ހޯދި ޓީމްގައި މާދަމާރޭ ކުޅޭނެއެވެ. ރޮބާޓާ އަޔާލާވެސް ބައިވެރި ވަނީ އަދި މެޗުގެ ކޮންމެވެސް ހިސާބަކުން ދަނޑަށް ނިކުންނަނީ ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރި އަނބުރާ ގެނައުމަށް އެފްއޭއެމްއިން ފެށި މަސައްކަތުގައި ބައިވެރިވުމަށެވެ. ތިން ވަރލްޑްކަޕެއްގައި ކުޅެފައިވާ ލެޖެންޑް އެކަމުގައި ބައިވެރިވާއިރު އަހަރެމެން ދިވެހިން ދުރުގައި ތިބެގެން ނުވާނެއެވެ.

މިހުރިހާ ސަބަބުތަކަކާއެމު މާދަމާރޭ ދަނޑަށްގޮސް ސަޕޯރޓް ކުރާކަށް ވަކި ޓީމެއް ނެތެވެ. ދެޓީމަކީވެސް ދިވެހިންގެ ޓީމެވެ. އަހަރެމެންގެ ޓީމެވެ. އަހަރެމެންނަށް ތަށި ހޯދައިދިން ޓީމާއި، އަހަރެމެންނަށް ތަށި ހޯދައިދޭން އޮތް ޓީމެވެ. އެންމެ މުޙިއްމުކަމަކީ މާދަމާރެއަކީ ނިމުމަމަކަށް ނުވުމެވެ.އަޒުމަކާއެކު ގޮސް މާދަމާރެއަކީ ދިވެހި ފުޓްބޯޅައިގެ ފޯރި އަނބުރާ ގެނައުމުގެ ފެށުމަކަށް ހަދަން ޖެހެއެވެ. ނޫންނަމަ މިއީ ބޭކާރު ކަމެކެވެ. މިވިސްނުމުގައި އިމްރާން މުޙައްމަދާއެކު 2008 ގެ ހަނދާންތައް އާކޮށްލަމާ ހިނގާށެވެ.