ޚަބަރު

އެންމެ ބޮޑު އިންވެސްޓްމެންޓަކަށް އަންނަ އަހަރު ހައި ޕަރފޯމެންސް ސެންޓަރެއް


  • ރާއްޖޭގައި ބައިނަލްއަޤުވާމީ މުބާރާތްތައް ބޭއްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަށް

  • މިއީ އެތުލީޓުންގެ ފެންވަރު މަތިކުރުމަށް ވަރަށް މުހިންމު ބޮޑު އިންވެސްޓްމެންޓެއް

ކުޅިވަރުގެ ދާއިރާއިން އަންނަ އަހަރު ރާއްޖޭގައި މުހިންމު ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި ހައި ޕަރފޯމެންސް ސެންޓަރެއް ޤާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ހައި ޕާފޯމެންސް ސެންޓަރު ވާނީ، އިރާދުކުރެއްވިއްޔާ ރާއްޖޭގައި ބައިނަލްއަޤުވާމީ މުބާރާތްތައް ބޭއްވުމަށް އެޅޭނެ އެންމެ މުހިންމު އަދި ފުރަތަމަ ފިޔަވަޅަށް ކަމަށެވެ.

އަދި ރާއްޖޭގެ އެތުލީޓުން ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޕްލެޓްފޯމުތަކުގައި ވާދަކުރާނަމަ ބޭރުގެ އެތުލީޓުން އައިސް، ރާއްޖޭގައިވެސް ތަމްރީނުތައް ހަދަން އެބަޖެހޭ ކަމަށާއި، ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް އެއީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ހައި ޕާފޯމެންސް ސެންޓު ވެގެންދާނީ އިރާދުކުރެއްވިއްޔާ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް އެޅިގެންދާނެ އެންމެ މުހިންމު އެންމެ ފުރަތަމަ ފިޔަވަޅަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހައި ޕަރފޯމެންސް ސެންޓަރު ނެތްނަމަވެސް ރާއްޖޭގެ އެތުލީޓުން ވަރަށް ގިނަ ކާމިޔާބީތައް ހޯދާ ކަމަށާއި، އެގޮތުން ދާދިފަހުން ރާއްޖޭގެ އެތުލީޓުން ހޯދި ކުޅިވަރުގެ ކާމިޔާބީތައް ފާހަގަކުރެވޭ ކަމަށެވެ.

ރާއްޖޭގައި ހައި ޕަރފޯމަންސް ސެންޓަރު އެޅުން ވާނީ ވާދަވެރި ކުޅިވަރުތައް ކުޅޭ އެތުލީޓުންގެ ކުރިއެރުމަށް ސަރުކާރުން ކުރައްވާ މުހިންމު އިންވެސްޓްމެންޓަކަށެވެ. ރާއްޖޭގައި ބައިނަލްއަޤުވާމީ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ފުރިހަމަކޮށް ސްޕޯޓްސް ކޮމްޕްލެކްސްތައް ޤާއިމުކޮށް ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ވަނީ ބައެއް މަޝްރޫޢުތައް ފައްޓަވައިފައެވެ.