ޚަބަރު

ސަޢޫދީ ވަލީއަޙުދު ވޮޝިންގްޓަނަށް ކުރައްވާ ދަތުރުފުޅަށް މުޅި ދުނިޔޭގެ ނަޒަރު


ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމުގެ މަޤުޞަދުގައި ކުރައްވާ މުހިންމު ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް-ސަޢޫދު ވޮޝިންގްޓަނަށް ވަޑައިގަންނަވައިފިއެވެ. ވަލީއަޙުދު މުޙައްމަދުގެ މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން، ޚާއްޞަ ގޮތެއްގައި އޭއައި، ނިއުކްލިޔަަރ ހަކަތަ އަދި ދިފާޢީ ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހި ކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެންދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

މިއީ، 2018ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހީނަރުވެގެން ދިޔަ ފަހުން ވަލީއަޙުދު ސަލްމާން އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެ ފަހަރު މަސްރަޙު ގޯސްވީ، ސަޢޫދީ ސަރުކާރާ ދެކޮޅު ނޫސްވެރިއަކު ތުރުކީވިލާތުގެ އިސްތަންބޫލުގައި މަރައިލި ހާދިސާއާ ގުޅިގެންނެވެ. އެއީ، ވަލީއަޙުދު މުޙައްމަދުގެ އަމުރުފުޅަށް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި އެމެރިކާއިން ކުރިން ތުހުމަތު ކުރި ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ހަތް އަހަރަށް ފަހު ދުނިޔޭގެ އެންމެ ބޮޑު އިޤުތިޞާދު ކަމުގައިވާ އެމެރިކާއާއި އެންމެ ގިނައިން ތެޔޮ އުފައްދާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު މުހިންމު އެއްބަސްވުންތަކެއް އެކުލަވައިލުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިޔާދަ ކުރެވިފައިވާ ކަމުގެ ނިޝާނެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. އަދި، މިއީ ދެ ޤައުމުން ވެސް ކުރިމަގާއިގެން ކުރިއަށް ދިޔުމަށް ނިންމާފައިވާ ކަމުގެ އިޝާރާތެއް ކަމުގައި އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ވަލީއަޙުދު މުޙައްމަދުގެ ދަތުރުފުޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް މުހިންމު ދަތުރުފުޅެކެވެ. މޭ މަހުގެ ތެރޭގައި ޓްރަމްޕް ރިޔާޟަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމެރިކާގައި 600 ބިލިޔަން އެމެރިކާ ޑޮލަރު ވުނަކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ވަނީ ނިންމާފައެވެ. ވަލީއަޙުދު މުޙައްމަދުގެ ދަތުރުފުޅުގައި އެ އެއްބަސްވުން ތަންފީޒު ކުރުމަށް ޓްރަމްޕް ބާރު އަޅުއްވާނެއެވެ.

ވަލީއަޙުދު މުޙައްމަދު ވެސް އިސްކަން ދެއްވާނެ ޚާއްޞަ ދާއިރާތަކެއް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެމެރިކާއިން ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ހޯދުން ހިމެނެއެވެ. މީގެ އިތުރުން، އޭއައިގެ ދާއިރާ ކުރިއެރުވުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލައި، އެމެރިކާގެ އެހީތެރިކަމާ އެކު ސަޢޫދީ ޢަރަބިއްޔާގައި މަދަނީ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމެއް ހިންގުމަށް އޭނާ އިސްކަން ދެއްވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ސަޢޫދީ ޢަރަބިއްޔާއަށް އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ފޯރުކޮށްދެއްވުމާ ގުޅޭ ގޮތުން ވިސްނަވަމުން ގެންދަވާ ކަން
ވެސް ޓްރަމްޕް ދާދިފަހުން ހާމަކުރައްވާފައިވެއެވެ. އެއީ، އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ލޮކްހީޑް މާޓިން ކުންފުނިން އުފައްދާ، އަދި އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ކުރާ އެންމެ ފަހުގެ، ޒަމާނީ އަސްކަރީ މަތިންދާބޯޓެކެވެ. އެ ކުންފުންޏަށް ބޭރު ޤައުމަކަށް ހަތިޔާރު ވިއްކޭނީ އެމެރިކާ ސަރުކާރުގެ ހުއްދާ އެކުގައެވެ. ވަލީއަޙުދު މުޙައްމަދުގެ ދަތުރުފުޅުގައި މި ކަމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.