އަންނަ އަހަރަށް ތާވަލުކޮށްފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އެފްއޭއެމްއިން މިއަދު އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ޝައުގުވެރިކަން ފާޅުކުރުމަށް އެފްއޭއެމްގެ ހިންގާ ކޮމިޓީން އެއްބަސްވެފައިވާ ކަމަށެވެ.
އަންނަ އަހަރުގެ މާޗު އަދި އޭޕްރީލް މަހު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ތާވަލުކޮށްފައިވާއިރު، މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެފްއޭއެމްއިން ވަނީ އެކަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އަށް ރަސްމީކޮށް އަންގާފައެވެ.
އެފްއޭއެމްއިން ބުނީ މި ނިންމުމަކީ ޔޫތު ފުޓްބޯޅަ ހަރުދަނާކުރުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ނިންމުމެއް ކަމަށާއި، އަދި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ތަޖުރިބާ ހޯދައިދޭން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި މި ފުރުސަތު ލިބިއްޖެ ނަމަ މި ފެންވަރުގެ މުބާރާތެއް ބާއްވާނެ ގާބިލުކަމާއި، އެކަމުގެ ފޯރި ރާއްޖޭގައި އެބައޮތް ކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ރާއްޖޭގައި މީގެ ކުރިންވެސް ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބާއްވާފައެވެ. އެގޮތުން ސާފްގެ މުބާރާތްތަކަށް ބަލާއިރު، ސްރީ ލަންކާއާ ގުޅިގެން 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕާއި، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހިމެނެއެވެ.