ބާރުގަދަ ތޫފާނެއް ކަމުގައިވާ ކްލޯޑިޔާއާ ގުޅިގެން ޕޯޗުގަލްގައި ހިނގި ނުރައްކާތެރި ހާދިސާތަކެއްގައި ތިން މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެއްޖެއެވެ. ތޫފާން ކްލޯޑިޔާގެ އަސަރު އިނގިރޭސިވިލާތުގެ ސަރަޙައްދުތަކަށް ވެސް ދަނީ ކުރަމުންނެވެ. މި ގޮތުން، ތޫފާނާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އިނގިރޭސިވިލާތުގައި ފެންބޮޑުވެފައި ވަނީ ވެއިލްސް އަދި އިންގްލެންޑުގެ ބައެއް ސަރަޙައްދުތަކުގައެވެ.
ޕޯޗުގަލާއި އިނގިރޭސިވިލާތުގެ އިތުރުން ތޫފާން ކްލޯޑިޔާގެ އަސަރު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސްޕެއިނާއި އަޔަލެންޑް ވެސް ހިމެނެއެވެ. ޕޯޗުގަލްގައި މަރުވި މީހުންގެ ތެރޭގައި ލިސްބަން ހުރަސްކޮށް ތޭޖޫ ކޯރުގެ އަނެއް ފަޅީގައި އޮތް ފެރްނައު ފޭޚޫންގައި މަރުވި އުމުރުން ދުވަސްވީ ދެމަފިރިން ހިމެނެއެވެ. އެ މީހުން މަރުވީ، ނިދާފައި ތިއްބާ އެ މީހުން ދިރިއުޅޭ ސަރަޙައްދުގައި ބޮޑުވި ފެންގަނޑުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.
މީގެ އިތުރުން، ޕޯޗުގަލްގެ ދެކުނުގައި އޮތް އަލްބޫފައިރާއަށް ބާރުގަދަ ނަގޫރޯޅިއެއް ވެސް އަރާފައިވެއެވެ. ފަތުރުވެރިން ކޭމްޕު ގޮސް އުޅޭ ސަރަޙައްދަކަށް އެރި ނަގޫރޯޅިއާ ގުޅިގެން އެކަކު މަރުވިއެވެ. އެއީ، އިނގިރޭސިވިލާތުގެ 85 އަހަރުގެ އަންހެނެއް ކަމުގައި ޕޯޗުގަލްގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ބުންޏެވެ. ނަގޫރޯޅި އެރި ސަރަޙައްދުގައި ހުރި ހޮޓަލެއްގައި ތިބި އިތުރު 28 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމުގައި ވެސް އެ އިދާރާގެ އޮފިޝަލަކު ބުންޏެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިޔަސްއެވެ.
ތޫފާން ކްލޯޑިޔާއާ ގުޅިގެން އިނގިރޭސިވިލާތުގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ވެއިލްސްގެ އިރުދެކުނުގައި އޮތް މޮންމަތު ކިޔާ ރަށެއްގައެވެ. ވެއިލްސްގެ އަލިފާން ނިއްވާ އިދާރާއިން ބުނީ، ފެންބޮޑުވުމާ ގުޅިގެން ގެދޮރުގައި ތާށިވެ، ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.