ޤަވާއިދާ ޚިލާފަށް ލިބިޔާއަށް އެތެރެވާން މަސައްކަތްކުރި 95 މީހުން ގޮވައިގެން ދަތުރުކުރި ދެ ބޯޓެއް ބަނޑުން ޖަހާލައި ހަތަރު މީހުން މަރުވެއްޖެއެވެ.
ދެ ބޯޓު ވެސް ބަނޑުން ޖަހާލާފައި ވަނީ ލީބިޔާގެ އައްސޭރިފަށުގައި އަދި ވެރިރަށް ޠަރާބުލުސްއާ 118 ކިލޯމީޓަރު ދުރުގައި އޮންނަ އަލް ޚުމްސް ކައިރިން ކަމަށް ލީބިޔަން ރެޑް ކްރެސެންޓުން ބުނެއެވެ. އެއް ބޯޓުގައި ތިބީ ބަންގްލަދޭޝްއަށް ނިސްބަތްވާ 26 މީހުންނެވެ. ބޯޓު ބަނޑުން ޖަހައިލުމުގެ ހާދިޘާގައި މަރުވެފައި ވަނީ އެ ބޯޓުން ދަތުރުކުރި ހަތަރު މީހުން ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.
ދެވަނަ ބޯޓުގައި 69 މީހުން ތިބިއިރު، އޭގެ ތެރޭގައި މިޞްރަށް ނިސްބަތްވާ ދެ މީހުންނާއި ސޫދާނަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މީހުން ހިމެނެއެވެ. އެ މީހުންނަށް ވީގޮތުގެ ތަފްސީލް ރެޑް ކްރެސެންޓުން މިހާތަނަށް ދީފައެއް ނުވެއެވެ.
ޚުމްސް ރެޑް ކްރެސެންޓުން ނެރުނު ބަޔާނެއްގައި ބުނީ ޚުމްސްގެ ކޯސްޓު ގާޑާއި ބަނދަރުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާއިން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ހަށިތައް މިހާރު ކަމާބެހޭ އިދާރާތަކާ ޙަވާލުކޮށްފައިވާ ކަމަށް ވެސް ރެޑް ކްރެސެންޓުން ބުނެފައިވެއެވެ.
2011ވަނަ އަހަރު ލީބިޔާގެ އޭރުގެ ރައީސް މުޢައްމަރު ޤައްޛާފީގެ ވެރިކަން ނިމުމަކަށް އައި ފަހުން ލީބިޔާއަކީ ފަޤީރު ޤައުމުތަކާއި ހަމަނުޖެހުންތައް ހިނގާ ޤައުމުތައް ދޫކޮށް ފިލަން މަސައްކަތްކުރާ ހިޖުރަވެރިން ވިލާތުގެ ޤައުމުތަކަށް ދަތުރުކުރުމުގައި މަޑުކޮށްލާ ޓްރާންސިޓު ޤައުމަކަށް ވަނީ ވެފައެވެ.
ހިޖުރަކުރުމާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަނުން ނޮވެމްބަރު މަހުގެ 12ވަނަ ދުވަހު ބުނީ ހިޖުރަވެރިންތަކެއް ގޮވައިގެން ދަތުރުކުރި ރަބަރު ބޯޓެއް ލީބިޔާ ކައިރީގައި އޮންނަ އަލްބޫރީ ތެޔޮދަނޑު ކައިރިއަށް އަޑިއަށް ގޮސް 42 ހިޖުރަވެރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެެވެ. ބޮޑަށް ބެލެވެނީ އެ ހާދިޘާގައި އެ މީހުން މަރުވެފައިވާ ކަމަށް ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.
މިިދޔަ އޮކްޓޯބަރު މަހުގެ މެދުތެރޭގައި ވެސް ޠަރާބުލުސްގެ ހުޅަނގު އައްސޭރިން 61 ހިޖުރަވެރިއެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ސެޕްޓެެމްބަރު މަހުގެ ތެރޭގައި ވެސް ލީބިޔާގެ ބޭރުން ސޫދާންގެ 75 ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި އުޅަނދެއްގައި އަލިފާން ރޯވެ 50 މީހުން މަރުވެފައިވާ ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަނުން ބުނެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ސްވިޒަލެންޑުގެ ޖެނީވާގައި ބޭއްވި އދގެ ބައްދަލުވުމެއްގައި އިނގިރޭސިވިލާތާއި ސްޕެއިންއާއި ނޯވޭއާއި ސިއެރާ ލިއޯން ހިމެނޭހެން ބައެއް ޤައުމުތަކުން ވަނީ ލީބިޔާގައި ހިޖުރަވެރިން ބަންދުކުރާ މަރުކަޒުތައް ހިންގުން ހުއްޓައިލުމަށް އެ ޤައުމަށް ގޮވާލައިފައެވެ. އެ ފަދަ މަރުކަޒުތަކުގައި ހިޖުރަވެރިންނާއި ރެފިޔުޖީންނަށް އަނިޔާކޮށް، ބައެއް ފަހަރު މަރާލައި ކަމަށް އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ތުހުމަތުކުރެއެވެ.