ޚަބަރު

ޗައިނާއިން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުުރުވެރިން


  • ޗައިނާއިން ރާއްޖެއަށް 300,352 ފަތުރުވެރިން ވަނީ އައިސްފައި

  • މިދިޔަ އަހަރު ޗައިނާއިން އައީ ޖުމުލަ 263,042 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް މުޅި ޖުމްލަ 300,352 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުތެރޭ ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމުލަ 263,042 ފަތުރުވެރިންނެވެ. އެހެންކަމުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ޗައިނާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖުމުލަ އަދަދަށްވުރެ %14 ވަނީ އިތުރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމުލަ ފަތުރުވެރިންގެ %15 ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި 5 ޤައުމު:

ޗައިނާ – 300,352 ފަތުރުވެރިން
ރަޝިއާ – 239,004 ފަތުރުވެރިން
އިނގިރޭސިވިލާތު – 168,597 ފަތުރުވެރިން
ޖަރުމަންވިލާތު – 141,739 ފަތުރުވެރިން
އިޓަލީވިލާތު – 124,406 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ވަނީ ޖުމުލަ 1.8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.7 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %9.8 އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,446 ފަތުރުވެރިން އާދެއެވެ.