އެއްގަމާއި ވައިގެ މަގުން، އެމެރިކާއިން ވެނެޒުއޭލާއަށް ޙަމަލާދޭން ފަށައިފިނަމަ، އެކަމުގެ ރައްދު ދިނުމަށް ހަތިޔާރު ޖަމާކުރަން ވެނެޒުއޭލާގެ އަސްކަރިއްޔާއިން ފަށައިފިއެވެ.
ކަނޑުމަގުން އެމެރިކާއަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމުގެ ނަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ދާދި ފަހުން ވަނީ އޮޕަރޭޝަނެއް ހިންގަން ފަށާފައެވެ. އަދި އޮޕަރޭޝަންގެ ދަށުން ކަނޑުމަގުން ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ވައިގެ ޙަމަލާތައް ދީފައެވެ. އަދި، އޮޕަރޭޝަންގެ ދަށުން އެ ސަރަޙައްދަށް ވަނީ ގިނަ އަދަދެއްގެ އަސްކަރީ މަނަވަރުތައް ފޮނުވާފައެވެ.
ވެނެޒުއޭލާއަށް އަރައި، އެއްގަމުން ޙަމަލާދޭނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ އެކި ފަހަރުމަތިން ނުސީދާކޮށް ދެއްވައިފައެވެ.
ޓްރަމްޕް ބޭނުންފުޅުވަނީ، ވެނެޒުއޭލާއަށް އަރައި ގަދަބާރުން ސަރުކާރު ބަދަލުކުރަން ކަމަށް ރައީސް ނިކޮލަސް މަދޫރޯ ވަނީ ތުހުމަތު ކުރައްވައިފައެވެ.
އެމެރިކާއިން ދީފާނެ ޙަމަލާއަކަށް ތައްޔާރުވުމަށް އެކުލަވާލާފައިވާ ކަރުދާހަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، ވެނެޒުއޭލާގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދަނީ، އެފަދަ ޙާލަތެއްގައި އެމެރިކާ ސިފައިންނާ ދެކޮޅަށް ގެރިލާ ހަނގުރާމައަކަށެވެ.
ސަބަބަކީ، ވެނެޒުއެލާގެ އަސްކަރިއްޔާގައި، އެމެރިކާ އާ އަޅާބަލާއިރު ހަތިޔާރާއި ސިފައިންގެ އަދަދު މަދުވުން ކަމަށް ބުނެފައިވެއެވެ.
މިފަދަ ހަނގުރާމައެއްގައި ބޭނުންކުރަން ރާވާފައިވާ އުކުޅުތަކުގެ ތެރޭގައި، ވެނެޒުއޭލާގެ ތަފާތު 280 ތަނެއްގައި މަދު އަދަދަކަށް ސިފައިން ތިބެ، އެމެރިކާގެ ފައުޖުތަކަށް ކުދިކުދި ޙަމަލާތައް ދިނުން ހިމެނެއެވެ. މިކަމުގެ އަމާޒަކީ، އެމެރިކަ ސިފައިން އަރައިގެންފިނަމަ، ގިނަ ދުވަހު ވެނެޒުއޭލާގެ ސަރަޙައްދުތަކުގައި ތިބުމަށް އުނދަގޫ ކުރުމެވެ.