އަންނަ މަހު ފަށާ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ރަސްމީ ބޯޅަ ދައްކާލައިފި އެވެ.
މި ފަހަރުގެ ބޯޅައިގެ ނަމަކީ އިޓްރީ އެވެ. މާނަ އަކީ ތަރި އެވެ. ރަމްޒުކޮށްދެނީ މުބާރާތް ބާއްވާ ގައުމު މޮރޮކޯގެ ދިދާގައިވާ ތަރި އެވެ. ބޯޅައިގައިވާ ކުލަތަކަކީ މޮރޮކޯގެ ސަގާފަތާއި އެ ގައުމުގެ މުހިންމު ސިފަތައް ރަމްޒުކޮށްދޭ ކުލަތަކެވެ. ރަތާއި ފެހި ރަމްޒުކޮށްދެނީ މޮރޮކޯގެ ގައުމީ ދިދަ އެވެ. އެންމެ ފަހުގެ ޓްރެކްނޮލޮޖީއާއެކު ޕޫމާއިން ބޯޅަ ތައްޔާރުކޮށްފައިވަނީ ބޯޅައިގެ ޕެނަލްތައް ވެސް ތަރިތަކުގެ ގޮތުގައި ސިފަވާ ގޮތަށެވެ.
އެފްރިކާގެ މައި ފުޓްބޯޅަ ޖަމިއްޔާގެ ކްރިއޭޓިވް ޑައިރެކްޓަރު މުހައްމަދު ޢަނޯމޯ ވިދާޅުވޫ މި ބޯޅަ އަކީ އެފްރިކާ ވަންތަކަން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ބޯޅަ އެއް ކަމަށެވެ. އަދި މިއީ މޮރޮކޯގެ މަސައްކަތްތެރިކަމާއި އެފްރިކާގެ ރޫހު ދައްކުވައިދޭ ބޯޅަ އެއް ކަމަށެވެ.
މި ފަހަރުގެ މުބާރާތަކީ މޮރޮކޯގައި އެފްރިކާ ކަޕް ބާއްވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން އެ ގައުމުގައި މި މުބާރާތް ބޭއްވީ މީގެ 37 އަހަރު ކުރިން 1988 ވަނަ އަހަރު އެވެ. މި ފަހަރުގެ މުބާރާތް ފަށާނީ އަންނަ މަހުގެ 21 ގަ އެވެ. މުބާރާތް ނިންމާމީ ޖެނުއަރީ 18ގަ އެވެ.
އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާއިން މުބާރާތް ބާއްވަން މޮރޮކޯ އިހްތިޔާރު ކުރީ އެ ގައުމުގައިވާ ޒަމާނީ ފުޓްބޯޅަ ދަނޑުތަކާއި އެ ގައުމުގެ އުމްރާނީ ވަސީލަތްތައް ފުރިހަމަކަމުންނެވެ. އާއްމުކޮށް އެފްރިކާގެ މި މުބާރާތުގައި ޖެހޭ މައްސަލަތަކަކީ މުބާރާތް ބާއްވަން ހޮވާ ބައެއް ގައުމުތަކަށް ތައްޔާރު ނުވެވި މުބާރާތުގެ އިންތިޒާމް ފެންވަރު ދަށްވުމުގެ މައްސަލަ އެވެ.
މި ފަހަރުގެ މުބާރާތް މޮރޮކޯގެ ހަ ސަރަހައްދެއްގައި ކުޅޭނެ އެވެ. އެއީ ކަސަބްލަންކާ އާއި ރަބާތް އަދި ތަންގީރާއި މަރަކޭޝް އަގަދީރްގެ އިތުރުން ފޭޒްގަ އެވެ.