ދިވެހިން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތައް މިޤައުމަށް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައިވަނީ ޖުމްހޫރީ ދުވަހުގެ އިޚްލާސްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ ރައްޔިތުން އެދޭ އަމާޒުތައް ޙާސިލްކޮށްދިނުމަށް މިސަރުކާރުން ފައްޓަވާފައިވާ ދަތުރުގައި ކުރިއަށްދާނީ މާތްﷲގެ ޙަޟްރަތުން ވާގިއެދިތިބެ އިޚްލާސްތެރިކަމާއެކުގައިކަމަށެވެ. އަދި ދިވެހިން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތައް މިޤައުމަށް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައެވެ.
ޖުމްހޫރީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަނީ، މި ލޮބުވެތި ދިވެހި ޤައުމު ބާއްޖަވެރިކަމާއި ފާގަތިކަމުގައި އަބަދުމެ ލެހެއްޓެވުން އެދި ދުޢާކުރަމުން.
— Dr Mohamed Muizzu (@MMuizzu) November 11, 2025
ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް… pic.twitter.com/E3PwNlGhad
ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހި ރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހި ޤައުމަށް ބާއްޖަވެރިކަމާއި ފާގަތިކަން ދެއްވުން އެދި އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ދުޢާ ކުރައްވާފައެވެ.
ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހެވެ. ޖުމްހޫރީ ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމުކުރެވުނު ދުވަހެވެ. މިއަދު މިފާހަގަކުރަނީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމު ކުރެވުނުތާ 57 އަހަރުފުރޭ ދުވަސްވެސްމެއެވެ.