އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު 18 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ޤައުމީ ފުޓްބޯޅަ ޓީމު ފަރިތަކުރުންތައް ފަށައިފިއެވެ. ޤައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފައިވަނީ މިއަދު ހަވީރު ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ.
ޤައުމީ ޓީމުން ފަރިތަކުރުންތައް ފެށިއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާންކޮށްފައިވާ ޤައުމީ ޓީމުގެ ސްކޮޑުގައި މުޅިން އަލަށް ފުރުސަތު ދީފައިވާ ކުޅުންތެރިންނަކީ ކުލަބު ވެލެންސިއާގެ ކެޕްޓަންކަން ކުރަމުން އަންނަ ޒުވާން ކުޅުންތެރިޔާ އީތަން އިބްރާހީމް ޒަކީ އާއި، ބުރު ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ޠާއިފް ގާސިމުގެ އިތުރުން ކުލަބު އީގަލްސްގެ ގޯލު ބަލަހައްޓަމުން އަންނަ މުޙައްމަދު އަޝްވާނެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ޕޮއިންޓް ތާވަލަށް ބަލާއިރު މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ރާއްޖެ އޮތީ ފުލުގައެވެ. އަދި ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު، އެ ޓީމުން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް އަނެއް މެޗުން ޕޮއިންޓެއް ހޯދައިފައެވެ.
ދެވަނައިގައި އޮތް ތަޖިކިސްތާނަށްވެސް 10 ޕޮއިންޓް ލިބިފައިވާއިރު، ފިލިޕީންސް ކުރި ހޯދައިފައިވަނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ ތިންވަނަ ޓިމޯ ލެސްޓޭއަށް ލިބިފައިވާއިރު، އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ.