ސިއްހަތު

ވެކްސިންގެ ޚިދްމަތް ހަރުދަނާ ކުރުމަށް ބޭއްވި ތަމްރީން ޕްރޮގްރާމް


ރާއްޖޭގައި ދެމުންގެންދާ ވެކްސިންގެ ޚިދްމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހިންގެވި ތަމްރީން ޕްރޮގްރާމް ނިންމަވާލައްވައިފިއެވެ.

ވެކްސިން ދިނުމުގައި ޙަރަކާތްތެރިވާ ޞިއްޙީ އެހީތެރިންނަށް އަމާޒުކުރައްވައިގެން "މިޑްލެވެލް މެނޭޖަރސް ޓެރެއިނިންގް އޮން ވެކްސިން މެނޭޖްމެންޓް" ގެ ނަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރިޔަށް ގެންދެވި މި ޚާއްޞަ ތަމްރީނަކީ ޔުނިސެފްގެ ފަންނީ އެހީތެރިކަމާއެކު ކުރިޔަށް ގެންދެވި ޕްރޮގްރާމެކެވެ. އަތޮޅުތެރޭގެ އެކި ހޮސްޕިޓަލްތަކާއި، ޞިއްޙީ ޚިދުމަތްދެއްވާ ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން، ޖުމްލަ 44 ޞިއްޙީ ޚިދުމަތްތެރިން ބައިވެރިވި މި ޕްރޮގްރާމަކީ، ވެކްސިންދިނުމުގައި ގެންގުޅޭނެ އުޞޫލްތަކާއި، މިންގަނޑުތަކަށް ޞިއްޙީ ޚިދުމަތްތެރިން ތަމްރީން ކުރުމާއެކު، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޙުލުވެރި ކުރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވި ޕްރޮގްރާމެއް ކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މި ތަމްރީން ޕްރޮގްރާމާބެހޭ މަޢުލޫމާތު ޕީ.އެސް.އެމާއި ޙިއްޞާކުރައްވަމުން އެޗް.ޕީ.އޭގެ ވެކްސިން ޕްރޮގްރާމް މެނޭޖަރ ނާޝިޔާ އަބްދުލް ޣަފޫރު ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމްގައި، ވެކްސިން ރައްކާކުރުމުގައި ގެންގުޅޭނޭ މިންގަނޑުތަކާއި، ރައްކާތެރިގޮތުގައި ވެކްސިން ބޭނުންކުރާނެގޮތާއި، ވެކްސިންގެ ތަފާސްހިސާބު ބެލެހެއްޓުމާއި، މުޖުތަމަޢުގެ ފަރުދުންގެ ތެރޭގައި ވެކްސިންގެ މުހިންމުކަމާ ބެހޭގޮތުން ހޭލުންތެރި ކުރުވުމަށް ކުރެވިދާނޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު ބައިވެރިންނާއި ޙިއްޞާާކުރެއްވި ކަމަށެވެ. އެގޮތުން ވެކްސިންގެ ފެންވަރު ހިފެެހެއްޓުމާއި، އަތޮޅު ފެންވަރުގައި ވެކްސިން ދިނުމުގެ ކަންކަން ސުޕަވައިޒް ކުރާނެގޮތުގެ މުހިންމު މަޢުލޫމާތު ޙިއްޞާ ކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ދިނުމުގައި އަތޮޅުތަކުގައި ދިމާވާ ދަތިތަކާއި، ގޮންޖެހުންތައް ޙައްލުކުރުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ޖާގައިގެ ދަތިކަމާއި، ވެކްސިން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތައް ކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

މި ތަމްރީން ނިމުމަށްފަހު، ލިބުނު މަޢުލޫމާތުގެ ޢަލީގައި އަތޮޅުތެރޭގައި، މިހާރަށްވުރެ ފެންވަރު ރަނގަޅު ގޮތެއްގައި، ވެކްސިން ދިނުމުގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށް އެޗް.ޕީ.އޭ އިން ވިދާޅުވެއެވެ. އަދި ވެކްސިންގެ ދާއިރާއިން މި ސަރަޙައްދުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީ ދެމެހެއްޓުމަށް އިތުބާރަކަށް ވެގެންދާނޭ ކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މިމަހުގެ 22 ން ފެށިގެން މިއަދުގެ ނިޔަލަށް ކުރިޔަށް ގެންދެވި މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، އެޗް.ޕީ.އޭ އާއި ޑަބްލިއު.އެޗް.އޯ އާއި، ޔުނިސެފްގެ ފަންނީ މާހިރުންނެވެ.