ރޮހިންޔާ ދަރިކޮޅަަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މީހުން ގޮވައިގެން މިޔަންމާއިން ދަތުރުކުރި އުޅަނދެއް މެލޭޝިޔާއާއި ތައިލޭންޑުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ކައިރިއަށް އަޑިއަށް ގޮއްސިއެވެ.
އެ ހާދިޘާގައި ގިނަ ޢަދަދެއްގެ މީހުން ގެއްލިފައިވާއިރު މިހާތަނަށް ސަލާމަތްކުރެވިފައި ވަނީ 13 މީހުންނެވެ. އަދި 7 މީހުން މަރުވެފައިވާ ކަމަށް މެލޭޝިޔާގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާއިން ބުނެއެވެ.
މެލޭޝިޔާގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާގެ އިސްވެރިޔާ، ރޮމްލީ މުސްޠަފާ ވިދާޅުވީ 300 މީހުން ގޮވައިގެން އެ ބޯޓު މިޔަންމާގެ ރަޚާއިން ސްޓޭޓުން ފުރާފައި ވަނީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. ހާދިޘާގައި ކަނޑު މައްޗަށް ގެއްލުނު މީހުން ހޯދުމަށް މެލޭޝިޔާގެ ލަންކާވީ ކައިރިން 170 އަކަ ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަޙައްދެއް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިޔަންމާގެ ސްޓޭޓެއް ކަމަށްވާ ރަޚާއިން ސްޓޭޓުގައި ހަމަނުޖެހުންތަކާއި ތަޅާފޮޅުންތައް ހިނގައި، ބަނޑުހައިހޫނުކަމާއި ފަޤީރުކަން ފެތުރެމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ. އެ ސްޓޭޓުގައި އަނިޔާވެރިކަން އެންމެ ބޮޑަށް ތަޙަައްމަލްކުރާ އެއް ބަޔަކީ މީސްމަދު ރޮހިންޔާ މުސްލިމުންނެވެ. 2017ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން މިޔަންމާގެ ސަރުކާރުން ދަނީ ރޮހިންޔާ މުސްލިމުން ނައްތައިލުމަށް މަސަައްކަތް ކުރަމުންނެވެ. އަނިޔާގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ދިޔުމަށް މަޖުބޫރުވެ، 1.3 މިިލިޔަނަށްވުރެ ގިނަ ރޮހިންޔާ ރެފިޔުޖީން ބަންގްލަދޭޝްގެ ކޭމްޕުތަކުގައި ވެސް ދިރިއުޅެއެވެ.
މެލޭޝިޔާ އަކީ މިޔަންމާގެ ސަރުކާރުގެ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށް ޤައުމު ދޫކޮށް ދާ މީހުންނަކީ ރެފިޔުޖީންގެ ގޮތުގައި ބަލައިގަންނަ ޤައުމެއް ނޫނެވެ. ރޮހިންޔާގެ މުސްލިމުން އާއްމު ގޮތެއްގައި ހިޖުރަ ކުރަނީ އަވަށްޓެރި ބަންގްލަދޭޝަށް ނަމަވެސް މެލޭޝިޔާއަކީ ވެސް ގިނަ ބަޔަކު އެ ޤައުމަކަށް ހިޖުރަ ކުރަން ބޭނުންވާ ޤައުމެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ރޮހިންޔާގެ ރެފިޔުޖީން ގޮވައިގެން އަންނަ ބޯޓުތައް މެލޭޝިޔާއިން ވަނީ އަނބުރާ ފޮނުވާލައިފައެވެ. އަދި ޑިޓެންޝަން ސެންޓަރުތަކުން އެތައް ހާސް ރެފިޔުޖީން ވަނީ ހައްޔަރު ކޮށްފައެވެ. 2010ވަނަ އަހަރާއި 2024ވަނަ އަހަރާމެދު މެލޭޝިޔާގެ އިދާރާތަކުން ވަނީ ޤާނޫނާ ޚިލާފަށް މެލޭޝިޔާގައި ދިރިއުޅޭ 2,089 ރޮހިންޔާ މުސްލިމުން ޙައްޔަރު ކޮށްފައެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް 5،100އަށް ވުރެ ގިނަ ރޮހިންޔާ ރެފިޔުޖީން މިޔަންމާއާއި ބަންގްލަދޭޝް ދޫކޮށް ދިޔުމަށް ބޯޓުތަލުގައި ދަތުރުކޮށްފައިވާ ކަމަށް އދގެ ރެފިޔުޖީންނާ ބެހޭ އިދާރާއިން ބުނެއެވެ. އޭގެ ތެރެެއިން 600 މީހުން ވަނީ މަރުވެފައި ނުވަތަ ގެއްލިފައެވެ.