ޚަބަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ގަތަރުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފި


  • ރާއްޖޭގެ މައްޗަށް ގަތަރުން ކުރިހޯދީ 3 ގޭމު 1 ގޭމުން

  • މި މެޗުގައި ރާއްޖޭގެ ޕެއާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު

ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ފިރިހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ދެވަނަ މެޗުގައި ގަތަރުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ. ފިރިހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގައި ރާއްޖޭގެ މައްޗަށް ގަތަރުން ކުރިހޯދީ 3 ގޭމު 1 ގޭމުންނެވެ.

ފިރިހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގައި ގަތަރާއި ދެކޮޅަށް ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި ކުޅުނީ މޫސާ މުންސިފް އަޙްމަދާއި، މުޙައްމަދު ޝައްފާން އިސްމާޢީލްގެ ޕެއާއެވެ. މި މެޗުގައި ރާއްޖޭގެ ޕެއާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ.

މުންސިފާއި، ޝައްފާންގެ ޕެއާއިން ވަނީ ތިން ސެޓު ކާމިޔާބުކޮށް މި ގޭމު ހޯދާފައެވެ. އެއީ 11-6، 11-5 އަދި 11-7 އިންނެވެ.

މި މެޗުގެ ދެވަނަ ގޭމުގެ ފުރަތަމަ ސިންގަލްސްގައި ރާއްޖެއިން ނިކުތީ އަޚްޔަރް އަޙްމަދު ޚާލިދެވެ. މި ގޭމަށް ގަތަރުން ނިކުތީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށްގެންނެވެ. އެގޮތުން ގަތަރު ޓީމުގެ މޮޅު ކުޅުމާއެކު ފުރަތަމަ ސިންގަލްސްގެ ސެޓުތައް ގެންދިޔައީ 11-3، 11-2 އަދި 9-11 އިންނެވެ.

ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި ގަތަރާ ދެކޮޅަށް ރާއްޖެއިން ނިކުތީ މޫސާ މުންސިފް އަޙްމަދެވެ. މި ގޭމުގައި މުންސިފްގެ ފަރާތުން އޭނާގެ އަސްލު ކުޅުން ފެނިގެން ގޮސްފައެއް ނުވެއެވެ. ގޭމުގެ ސެޓުތައް ގަތަރުން ގެންދިޔައީ 11-3، 11-7 އަދި 11-5 އިންނެވެ.

ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި ގަތަރާ ދެކޮޅަށް ރާއްޖެއިން ނިކުތީ މުޙައްމަދު ޝައްފާން އިސްމާޢީލެވެ. މި މެޗުގެ ސެޓްތަށް ގަތަރުން ގެންދިޔައީ 11-7، 11-7 އަދި 11-5 އިންނެވެ. ގަތަރުން މޮޅު ކުޅުމެއް ދެއްކިއިރު، ރާއްޖެއަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފައެވެ.