ކުޅިވަރު

ޔޫރަޕުގެ ކޮލިފައިން ފޯމެޓަށް ބަދަލު ގެންނަނީ


ޔޫރަޕުގެ ގައުމުތައް ވޯލްޑް ކަޕާއި ޔޫރޯ ކޮލިފައިންގައި ވާދަކުރާނެ ފޯމެޓް ބަދަލު ކުރަން ޔޫއޭފާއިން ތައްޔާރުވެއްޖެ އެވެ.

ފުޓްބޯޅަ ބިޒްނަސް ފޯރަމުގައި ވާހަކަ ދައްކަމުން އެ ޖަމާއަތުގެ ރައީސް އެލެގްޒެންޑާ ސެފެރިން ވިދާޅުވީ ބަދަލު ގެނައުމަށް ފަހު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އައު ފޯމެޓް އިއުލާނު ކުރާނެ ކަމަށެވެ. ނަމަވެސް އޭނާ ޔަގީންކަން ދެއްވީ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފޯމެޓް ކޮޕީ ނުކުރާނެ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފޯމެޓަށް ހުސްވި ސީޒަނުގައި ގެނައި ބަދަލަކީ ގިނަ ބަޔަކަށް ކަމުދިޔަ އަދި ކާމިޔާބު ބަދަލެކެވެ. ނަމަވެސް ސެފެރިން ވިދާޅުވީ އެ ފޯމެޓަށް އެންމެން ކުޅެންވާނެ ކަމަށް ނުދެކޭ ކަމަށެވެ.

ޔޫރަޕުގެ ފުޓްބޯޅަ ފޯމެޓަށް ބަދަލު ގެންނަން މަސައްކަތް ފެށީ ކޮލިފައިންގައި ބައެއް ގައުމުތަކުގެ ކޮޅަށް ގިނަ އަދަދެއްގެ ގޯލު ވަނުމާއެކު މެޗުތަކުގެ ފޯރި ގެއްލެމުންދާތީ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޔޫރަޕުގެ ޓީމުތައް ވާދަކުރުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިމުމަކަށް އަންނާނެ އެވެ. މި ކޮލިފައިން އަށް ބެލި ނަމަވެސް ފްރާންސުން ވަނީ ޖިބްރޯލްޓާ ކޮޅަށް 14 ގޯލު ޖަހައިފަ އެވެ. އަދި އޮސްޓްރިއާ ވަނީ ސޭން މަރިނޯ ކޮޅަށް 10 ގޯލު ޖަހައިފަ އެވެ.

މިހެންވެ ސެފެރިން ވިދާޅުވީ ވަރުގަދަ ޓީމުތަކުން ކުދިކުދި އަދި މެދުފަންތީގެ ޓީމުތަކާ ވާދަކުރުމަކީ އެންމެ ހަމަޖެހޭ ގޮތް ނޫން ކަމަށެވެ. އަދި ކޮލިފައިންގައި އަބަދުވެސް އެންމެން ވެސް ބޭނުންވާނީ އެ ބަޔަކަށް ވާދަކުރެވޭ ވަރުގެ ޓީމުތަކާ ކުޅެން ކަމަށެވެ.

"އެކަމަކު މިވަގުތު އަހަރެންނަށް އެއްވެސް އެއްޗެއް ޔަގީން ކަމާއެކު ބުނާކަށް ނޭނގެ. އަހަރުމެން މިދަނީ ބަދަލު ގެންނަން މަސައްކަތް ކުރަމުން. ހަ މަސް ތެރޭގައި އަހަރުމެންނަށް އެކަންކަން އެނގޭނެ،" ސެފްރިން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ބޭނުންވަނީ ވާދަވެރި މެޗުތަކެއް ފެންނަން ކަމަށާއި އެކަމަށް ފުރުސަތު ހޯދުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.