ޚަބަރު

އަފްޣާނިސްތާނާއެކު ކުރާ މަޝްވަރާތައް ހުއްޓުމަކަށް، ޕާކިސްތާނަށް ޙަމަލާނުދޭނަމަ ޞުލްޙައިގެ ވަގުތީ އެއްބަސްވުން ދެމިއޮންނާނެ


ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރުން ދާޢިމީކޮށް ހުއްޓާލުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އައުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި ހުއްޓުމަކަށް އައިސްފައިވާކަމަށް ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާޞިފް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު ކުރީކޮޅު ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ބަދަލު ކޮށްފައިވާ ވަރުގަދަ ޙަމަލާތަކުގައި ދޮޅަހަކަށް ވުރެ ގިނަ އަދަދެއްގެ މީހުން މަރުވިއެވެ.

ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި މަޝްވަރާތަކަކަށް ފަހު، އޮކްޓޫބަރު 19ވަނަ ދުވަހުއެވެ. އަދި، އެ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ދެމެހެއްޓިނިވި ގޮތެއްގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އިސްތަންބޫލުގައި މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ.

އެންމެފަހުން އިއްޔެ ކުރިއަށްދިޔަ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި، ހުއްޓުމަކަށް އައިސްފައިވާކަމަށް ޚަވާޖާ ވިދާޅުވިއެވެ.

ނަމަވެސް، އަފްޣާނިސްތާނުން ޕާކިސްތާނަށް އިތުރު ޙަމަލާއެއް ނުދޭނަމަ، ސުލްޙައިގެ ވަގުތީ އެއްބަސްވުން ދެމިއޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތުރުކީވިލާތުގައި މަޝްވަރާތައް ފެށުމާ ދިމާކޮށްވެސް، ސަރަޙައްދީ ރޮނގު ކައިރީގައި ދެ ޤަޢުމުގެ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ.

ނަމަވެސް، އެ ކުރިމަތިލުމުގައި ލިބުނު ގެއްލުންތަކުގެ ތަފްޞީލެއް ދެ ފަރާތުންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ދާއިމީ އެއްބަސްވުމެއްގެ މަޝްވަރާތައް މިހާރު ހުއްޓުމަކަށް އައިސްފައިވާކަމަށް އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާޙިދު ވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ސުލްޙައިގެ ވަގުތީ އެއްބަސްވުމަށް އަފްޣާނިސްތާނުން ވެސް އަދިވެސް އިޙްތިރާމް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ޕާކިސްތާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ޤައުމުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތް، 'ޕާކިސްތާން ޠާލިބާނަށް' ވާތްގާއި އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުން ދެކޮޅު ހެދުމެވެ.

ދެ ޤައުމުން 2,600 ކިލޯމީޓަރުގެ ދިގު ސަރަޙައްދީ ރޮނގެއް ހިއްސާ ކުރާއިރު، އެ ސަރަޙައްދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ކާބުލަށް ވައިގެ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޕާކިސްތާންގެ އަސްކަރިއްޔާއިން ދީފައިވާ ޙަމަލާތަކެއް ކަމުގައި ޠާލިބާނުން ތުހުމަތު ކުރެއެވެ. މިއީ، 2021ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތް ފަހުން ދެ ޤައުމުގެ ދެމެދުގައި ބައްދަލު ކޮށްފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.