ޚަބަރު

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް، ހޭލުންތެރިކުރުމުގެ އެކްސްޕޯއެއް ބާއްވަނީ


  • މިއެކްސްޕޯގައި 50 އަށްވުރެ ގިނަ ފަރާތުން ބައިވެރިވޭ

  • މިއެކްސްޕޯ އޮންނާނީ، ހުޅުމާލެ ސެންޓްރަލް ޕާކުގައި

  • އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 13 އިން 15އަށް

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް "ހެލްތު އެކްސްޕޯ"ގެ ނަމުގައި ޚާއްސަ އެކްސްޕޯއެއް ބޭއްވުމަށް ނިންމައިފިއެވެ.

ސިއްޙީ ވުޒާރާއިން ބާއްވާ މި އެކްސްޕޯއަކީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ބައިވެރިވުން އިތުރު ކުރުމަށް ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މިއަހަރުގެ ހެލްތު އެކްސްޕޯގައި 50 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ މި އެކްސްޕޯގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުންވެސް ބައިވެރިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" 50 އަށްވުރެ ގިނަ ޕާޓިސިޕެންޓްސް މިފަހަރު އަޅުގަނޑުމެންގެ މި އެކްސްޕޯގައި ވަނީ ބައިވެރިވެފައި. އޭގެތެރޭގައި އެންޖިއޯސް، އޯގަނައިޒޭޝަންސް، ހޮސްޕިޓަލްސް، ކްލިނިކްސްތަކާއި މީގެއިތުރުން ހެލްތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހަމަ ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުމާއި ޝާމިލްވުން މީގަ އެކުވެގެންދޭ". ވަޒީރު ވިދާޅުވިއެވެ.

ހެލްތު އެކްސްޕޯއަކީ، ވަކި އުމުރުފުރައަކަށް އޮތް އެކްސްޕޯއެއް ނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެކްސްޕޯގެ ތެރެއިން ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހެލްތު އެކްސްޕޯ 2025އަކީ، މި ސަރުކާރަށް 2 އަހަރު ފުރޭ މުނާސަބަތުގައި ބާއްވާ އެކްސްޕޯއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހެލްތު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 13 އިން 15އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.