ޚަބަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ދިވެހި ފެތުންތެރިންނަށް އުނދަގޫ ފެށުމެއް


ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ސްވިމިންގ ޓީމުން ފުރަތަމަ ދުވަހުުގެ އިވެންޓުތައް ނިންމާލައިފިއެވެ. މިގޮތުން ދިވެހި ފެތުންތެރިން ވަނީ މިއަަދު 9 އިވެންޓެއްގައި ފަތާފައެވެ.

އަންހެން 50 މީޓަރު ބަޓަރފްލައިގައި ވާދަކޮށް މަލައިކާ ލިންޑަރ އިމްރާން ވަނީ 35.34 ސިކުންތުން ރޭސް ފުރިހަމަކޮށްފައެވެ. މިހީޓްގައި 6 ފެތުންތެރިން ވަނީ ވާދަކޮށްފައެވެ.
50 މީޓަރުގެ ބަޓަރފްލައި ރެކޯޑް އޮންނަނީ އަމްނާ ތަޒްކިއްޔާގެ އަތުގައެވެ. އެއީ 31.49 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ފިރިހެން 100 މީޓަރު ބްރެސްޓްސްޓޮރޯކްގައި ވާދަކޮށް ލޫތް މުހައްމަދު ހުސެއިން ވަނީ 1 މިނެޓް 13.58 ސިކުންތުން ރޭސް ނިންމާފައެވެ. މިހީޓްގައި 7 ފެތުންތެރިން ވާދަކޮށްފައިވޭ. 100 މީޓަރު ގައުމީ ރެކޯޑް އޮންނަނީ އަލީ އިންމާން އަތުގައެވެ. އިންމާން މިރެކޯޑް ހަދާފައިވަނީ 13 ވަނަ އޭޝިއަން ގޭމްސްގައި 1 މިނެޓު 04.51 ސިކުންތުން ރޭސްނިންމައިގެންނެވެ.

ފިރިހެން 100 މީޓަރު ބްރެސްޓްސްޓޮރޯކްގައި ވާދަކޮށް އިޒްޔާން ނާޒިމް ރޭސް ނިންމަފައިވަނީ 1 މިނެޓް 17.30 ސިކުންތުންނެވެ. ފިރިހެން 100 މީޓަރު ބްރެސްޓްސްޓޮރޯކްގެ ގައުމީ ރެކޯޑް އޮންނަނީ އަލީ އިންމާންގެ އަތުގައެވެ. އެއީ 19ވަނަ އޭޝިއަން ގޭމްސްގައި ވާދަކޮށް 1 މިނެޓް 05:51 ސިކުންތުން ރޭސްނިންމައިގެންނެވެ.

އަންހެން 50 މީޓަރު ފްރީން ސްޓައިލްގައި ވާދަކޮށް ސާރާ މުހައްމަދު ހީޓް ނިންމާފައިވަނީ 30.32 ސިކުންތުންނެވެ. މިހީޓްގައި 6 ފެތުންތެރިން ވާދަކޮށްފައިވޭ. މިވެންޓުގެ ރެކޯޑް އައިޝަތު އުލްޔާ ހަދާފައިވަނީ މިއަހަރު ހެނޮކްގައި އޮތް މުބާރާތުަގއި 28:41 ރޭސް ނިންމައިގެންނެވެ.

އަންހެން 50 މީޓަރު ފްރީސްޓައިލްގައި ވާދަކޮށް ޒައިނަތު އަބްދުﷲ ޝަފީގް ރޭސްނިންމާފައިވަނީ 30.05 ސިކުންތުންނެވެ.

ފިރިހެން 50 މީޓަރު ފްރީސްޓައިލްގައި ވާދަކޮށް އިޒްޔާން ނާޒިމް ރޭސްނިންމާފައިވަނީ 27.08 ސިކުންތުންނެވެ. 50 މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑް އޮންނަނީ މުހައްމަދު އާން ހުސެއިންގެ އަތުގައި، އެއީ ޕެރިސްގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ވާދަކޮށް 24.22 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ފިރިހެން 400 މީޓަރު އިންޑިވިޖުއަލް ހީޓްގައި ވާދަކޮށް މުހައްމަދު ރިހާން ޝިހާމް ރޭސްނިންމާފައިވަނީ 5 މިނެޓް 21.74 ސިކުންތުންނެވެ.

ފިރހެން 400 މީޓަރު މިޑްރޭ ރިލޭގައި ވާދަކޮށް މުހައްމަދު އަޔާދިން ނިޔާޒު ރޭސް ނިންމާފައިވަނީ 5 މިނެޓް 54.05 ސިކުންތުންނެވެ.

މިކްސް 4 ގުނަ 100 މީޓަރު ފްރީ ސްޓައިލްގައި ވާދަކޮށް ރާއްޖޭގެ ޓީމުން ރޭސް ނިންމާފައިވަނީ 4 މިނެޓް 21.14 ސިކުންތުންނެވެ.

މާދަމާވެސް ދިވެހި ޓީމުގެ އިވެންޓުތައް ކުރިއަށްދާނެއެވެ.