ޚަބަރު

ސޫރިޔާގެ ޝަރާޢާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އދގެ ސަލާމަތީ މަޖިލީހުން ވެސް އުވައިލައިފި


ސުރިޔާގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ހައިޔަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ. ޝަރާޢާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް އެދި ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅާފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިންނެވެ.

ޝަރާޢާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފައި މި ވަނީ، އެމެރިކާއަށް ދަތުރުކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރުމަށް އޭނާ ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ، ޓްރަމްޕާ ބައްދަލު ކުރުމަށް ނޮވެންބަރު 10ވަނަ ދުވަހު ޝަރާޢު ވޮޝިންގްޓަނަށް ދަތުރު ކުރާނެއެވެ. ޓްރަމްޕްގެ އެންމެ ބޮޑު އަމާޒަކީ ސޫރިޔާއާއި ޔަހޫދީންނާ ދެމެދު ގާތް ގުޅުންތަކެއް އެކުލަވައިލެއްވުމެވެ.

އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުމާ އެއްގޮތަށް، އެޗްޓީއެސް ސަރުކާރުގެ ދާޚިލީ ވަޒީރު އަނަސް ޚައްޠާބާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް ވެސް ސަލާމަތީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. 15 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ މަޖިލީހުގައި މި ކަމަށް ނެގި ވޯޓު ކާމިޔާބުވީ 14 މެންބަރުންގެ ތާޢީދާ އެކުގައެވެ. ވޯޓުގައި ބައިވެރިވެފައި ނުވަނީ ހަމައެކަނި ޗައިނާއިންނެވެ.

އެޗްޓީއެސްގެ ވެރިންގެ އިތުރުން ސޫރިޔާއާ ދެކޮޅަށް އދން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ވެސް އެމެރިކާއިން ދަނީ ސަލާމަތީ މަޖިލީހަށް ބާރު އަޅަމުންނެވެ. ސޫރިޔާއާ މެދު އެމެރިކާއިން ގެންގުޅެމުން ގޮސްފައިވާ ސިޔާސަތު ރައީސް ޓްރަމްޕް ބަދަލު ކުރައްވާފައި ވަނީ މޭ މަހުގެ ތެރޭގައެވެ. އެ ނިންމުމާ އެކު، ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައި އޮތް ފިޔަވަޅުތައް ޓްރަމްޕް ވަނީ އުވައިލައްވާފައެވެ.

"އަޅުގަނޑަށް ހީވަނީ އޭނާ [ޝަރާޢު] ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާ ހެން. އެއީ ވަރަށް ހަރުކަށި ސަރަޙައްދެއް، އަދި އޭނާއަކީ ވެސް ބާރުގަދަ މީހެއް، ނަމަވެސް އޭނާއާއި އަޅުގަނޑާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް. ސޫރިޔާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނަމުން އެބަދޭ،" ޝަރާޢާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. "ސޫރިޔާގެ ކުރިމަގަށް މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އަޅުގަނޑުމެން ވާނީ [ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ] ފިޔަވަޅުތައް އުވައިލާފައި."

އެޗްޓީއެސުން ސޫރިޔާގެ ވެރިކަން ފޭރިގަނެފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކުރުމާ އެކު، 13 އަހަރަށް ދެމިގެންދިޔަ ސޫރިޔާގެ އަހުލީހަނގުރާމައަށް ވެސް ވަނީ ނިމުމެއް އައިސްފައެވެ. ނަމަވެސް، ގިނަ ޤައުމުތަކުން އަދިވެސް ޤަބޫލު ކުރާ ގޮތުގައި އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތެކެވެ.

ކުރިން އެޗްޓީއެސުން ހަރަކާތްތެރިވަމުން ގޮސްފައި ވަނީ އަލް-ނުޞްރާ ފްރަންޓްގެ ނަމުގައެވެ. އެއީ، ނިރުބަވެރި ޖަމާޢަތް، އަލް-ޤާޢިދާގެ ސޫރިޔާގެ ގޮތްޕެވެ. ނުޞްރާ ފްރަންޓުން އަލް-ޤާޢިދާއާ ފެޔަށް ޖެހިފައި ވަނީ 2016ވަނަ އަހަރުއެވެ. އދން ފިޔަވަޅު އަޅާފައިވާ ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުގައި ނުޞްރާ ފްރަންޓް ހިމަނާފައި ވަނީ 2014ވަނަ އަހަރުގެ މޭ މަހުއެވެ. އެއީ، އަލް-ޤާޢިދާގެ އިތުރުން އައިއެސް ޖަމާޢަތާއި، އެ ޖަމާޢަތްތަކާ ގުޅުން އޮތް އެހެން ގުރޫޕުތައް ހިމަނާފައިވާ ލިސްޓެކެވެ.

އެ ލިސްޓުގައި އެޗްޓީއެސްގެ ގިނަ އަދަދެއްގެ މެންބަރުން ހިމަނާފައިވެއެވެ. އަދި، އެ މީހުންނާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި، ބޭރު ޤައުމުތަކުގައި ހުރި އެ މީހުންގެ ފައިސާއާއި މުދާ ހިފެހެއްޓުމާއި، ބޭރު ޤައުމުތަކަށް ދަތުރު ކުރުން މަނާ ކުރުމުގެ އިތުރުން އެ މީހުންނަށް ހަތިޔާރު ވިއްކުން މަނާކުރުން ހިމެނެއެވެ. އެ ލިސްޓުން ޝަރާޢާއި ޚައްޠާބުގެ ނަން މިހާރު މި ވަނީ އުނިކޮށްފައެވެ. އެޗްޓީއެސާއި އަލް-ޤާޢިދާއާ ދެމެދު މިހާރު އެއްވެސް ގުޅުމެއް ބާއްވަމުން ނުދާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައި އދން ޖުލައި މަހު ޢާންމު ކުރި ރިޕޯޓެއްގައި ވެސް ބުނެފައިވެއެވެ.

ޝަރާޢާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް ނަގާފައިވާ ވޯޓުގައި ޗައިނާއިން ބައިވެރިވެފައި ނުވަނީ، ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަން ކަށަވަރު ކުރެވެނެ ނެތުމުންނެވެ. އަދި، ސޫރިޔާގެ ސަލާމަތީ މަސްރަޙާ ގުޅޭ ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލެއް ގެނެވިފައި ނުވާތީއެވެ. ޗައިނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ސޫރިޔާގައި ހަރަކާތްތެރިވާ އީސްޓް ތުރްކިސްތާން އިސްލާމިކް މޫވްމަންޓް (އީޓީއައިއެމް) ޖަމާޢަތުގެ ހަރަކާތްތަކެވެ. އެ ގުރޫޕުގައި ޗައިނާގައި ދިރިއުޅޭ ވީގުރް (އުވީޚުރް) ދަރިކޮޅުގެ މުސްލިމުން ހިމެނޭ ކަމުގައި ޗައިނާއިން ތުހުމަތު ކުރެއެވެ.