ޞިއްޙީ ޚިދްމަތްދޭ ތަންތަނުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމާއި ބެހޭ ސިޔާސަތަށް ކަމާބެހޭ އިދާރާތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ފަށްޓަވައިފިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ފަންނީ އެހީތެރިކަމާއިއެކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން "ޞިއްޙީ ޚިދްމަތްދޭ ތަންތަނުގައި އުފެދޭ ކުނި ނައްތާލުމުގެ ޤައުމީ ސިޔާސަތު އެކުލަވާލާ، މިއަހަރުގެ އެޕްރީލް މަހުގެތެރޭގައި ވަނީ އެންޑޯޒްކުރައްވާފައެވެ. މި ސިޔާސަތުގެ ދަށުން ކަމާއިގުޅުން ހުރި ސަރުކާރުގެ އިދާރަތަކާއި މުއައްސަސާތަކާއެކު ބޭއްވެވުނު މަޝްވަރާގެ އަލީގައި، ކުރިޔަށް އޮތް ފަސް އަހަރުދުވަހު ކުރާނޭ މަސައްކަތްތައް ހިމަނާ އެކަމަށް ހިނގާނޭ ޚަރަދު ހިމެނޭ ގޮތުގެ ތަފްޞީލް ސްޓްރެޓީޖިކް ޕްލޭނެއްގެ ދެކިކޮޕީއެއް މިހާރު ވަނީ އެކުލަވާލާފައެވެ.
މިޕްލޭނަށް ކަމާއި ގުޅުން ހުރި އިދާރާތަކުގެ ޚިޔާލު ހޯދުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ކަމާއި ގުޅުން ހުރި ވިހި މުއައްސަސާއަކުން ސިޔާސަތު ކަނޑައަޅާ ފެންވަރުގެ ފަންސާހަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެފައިވެއެވެ. މިއަދު ގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވައިރަންމެންޓް އެންޑް އެނަރޖީ ޠޯރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެންވައިރަންމެންޓް މިނިސްޓަރ ވިދާޅުވީ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކުރިޔަށް ގެންދަވާ މަސައްކަތެއްކަމަށާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެކުލަވާލައްވާފައިވާ ސްޓްރެޓީޖިކް ޕްލޭން ތަންފީޒްކުރުމަށް އެންވައިރަންމެންޓް މިނިސްޓްރީން ފަންނީ، އަދި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނޭކަމަށެވެ.
img:http://s2.psmnews.mv/images/660x400/14721152497879.jpg|އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ވެމްކޯ
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ޞިއްޙީ ޚިދްމަތްދޭ ތަންތަނުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާނުލެއްވިއްޖެނަމަ ،އޭގެ ނުރައްކާތެރިކަން ބޮޑުކަމަށާއި، ރައްޔިތުންނަށް މީގެ ސަބަބުން ތަކްލީފެއް އުފުލަން ނުޖެހޭ ގޮތަކަށް މިފަދަ ތަންތަނުން ކުނި ރައްކާތެރިގޮތުގައި ނައްތާލުމުގެ ގުޅި ލާމެހިފައިވާ ނިޒާމެއް ހަމަޖެއްސުމަކީ މިސަރުކާރުގެ ޢަމާޒެއްކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން ހިންގޭ ފުރަތަމަ ޕްލޭންގެ ދަށުން ލ.އަތޮޅުގައި ދެލައްކަ ޑޮލަރުގެ އަގުބޮޑު ޕައިލޮޓް ޕްރޮޖެކްޓެއް ފަށްޓަވާނޭކަމަށެވެ. އަދި މިމަޝްރުއޫގެ އަމަލީ މަސައްކަތް 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށޭވަރުވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ފަސް ކަމެއްގެ މައްޗަށް ބިނާކޮށް އެކުލަވާލައްވާފައިވާ މިޕްލޭންގެ ދަށުން، މިހާރު ތަންފީޒް ކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތައް ދެނެގަތުމާއި، ކަމާގުޅުންހުރި ހުރިހައި ފަރާތްތަކާއި ޢާއްމުން ހޭލުންތެރިކުރުމާއެކު، ޞިއްޙީ ޚިދްމަތްތެރިންނާއި، ކުނި މެނޭޖްކުރުމުގެ މަރުޙަލާގައި ބައިވެރިވާ ފަރާތްތައް ތަމްރީން ކުރުމާއި، ތިމާވެއްޓާ ރަށްޓެހި އިންސާނުންގެ ޞިއްޙަތަށް އޭގެއިން ގެއްލުން ނޭދެވޭ އަސަރު ނުކުރާނޭފަދަ ރައްކާތެރި ނިޒާމެއް ޤާއިމް ކުރުން ހިމެނެއެވެ.
އަދި މިނިޒާމް ޤާއިމް ކުރުމުގައި،"ކުނި މެނޭޖް ކުރުމުގެ ޤައުމީ ސިޔާސަތު" ރަށުފެންވަރުގެ ޕްލޭންތަކާއި ތައާރުޒު ނުވާގޮތަށް ގުޅިގެން މަސައްކަތް ކުރެވޭނޭ އިންތިޒާމްކުރައްވާނޭކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.
img:http://s1.psmnews.mv/images/660x400/14721153061459.jpg|ޞިއްޙީ ހިދުމަތްދޭ ތަންތަނުގެ ކުނި ނައްތާލުމާ ގުޅޭ ސިޔާސަތައް ހިޔާލު ހޯދުމުގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
ޞިއްޙީ ޚިދުމަޔް ފޯރުކޮށްދޭ ތަންތަނުގައި އުފެދޭ ކުނީގެ 10 އިންސައްތައާއި 15 އިން ސައްތައާއި ދެމެދުގެ ކުންޏަކީ ޚާއްޞަ ސަމާލުކަމެއް ދީގެން ނައްތާލަންޖެހޭ ބާވަތްތަކެކެވެ. އަދި މިބާވަތްތައް ރައްކާތެރިގޮތުގައި މެނޭޖްކޮށް ނައްތާނުލެވިއްޖެނަ ކުނި އުކާލުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި، ޞިއްޙީ ޚިދްމަތްތެރިންނާއި، ޢާއްމުން ފަރުދުން އަދި އުކާލެވޭ ކުނީގެ ބޭނުން ހިފާ މީހުންނަށް ޞިއްޙީ ގޮތުން ހުރި ނުރައްކާ ބޮޑުކަމަށް ޞިއްޙީ މާހިރުން ފާހަގަކުރައްވައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެޗް.އައިވީ/އެއިޑްސް ،ހެޕެޓައިޓިސް-ބީ ފަދަ ލޭގެ ޒަރީއާއިން ޖެހޭ ބަލިތައް ކޮންމެ އަހަރަކު އެތައް މިލިޔަން މީހުންނަށް ޖެހެއެވެ. ހަމައެހެންމެ އެކި ބާވަތްތަކުގެ ކުނި އެންދުމުން ޖައްވަށް ބޭރުވެގެންދާ ވިހާ މާއްދާތަކުގެ ސަބަބުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށްވެސް ޞިއްޙީ ދިރާސާތަކުން ދައްކައެވެ.