އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަންގެ ރައީސް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ މާދަމާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެއްސެވި ދަތުރު ފަސް ކުރައްވައިފި އެވެ.
ދެކުނު އެޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ޕާކިސްތާނުގައި މިވަގުތު ހުންނެވި އެ މަނިކުފާނު ދެން ރާއްޖެ ވަޑައިގަންނަވާނެ ތާރީހު އިއުލާނު ކުރައްވާނީ ފަހުން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވިދާޅުވެ އެވެ.
އެއް ދުވަހުގެ މި ދަތުރުފުޅުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެރިންނާއި ދިވެހި ސަރުކާރުގެ އިސްވެރިންނާ ސަލްމާން ބައްދަލުކުރައްވަން އޮތީ ކުރިން ހަމަޖެހިފަ އެވެ.
އޭއެފްސީގެ ރައީސް ކަމުގައި ތިން ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ ސަލްމާން އެންމެ ފަހުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. އެ މަނިކުފާނު ވަނީ މި އަހަރު ކުރީކޮޅު ވަނީ ސްރީލަންކާ އަށް ވެސް ވަޑައިގެންނަވާފަ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މީގެ ދެ ހަފުތާ ކުރިން ރާއްޖެ ވަޑައިގަންނަވާފަ އެވެ. އަދި ގަލޮޅު ދަނޑުގައި މެޗެއް ކުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ވެސް ބައްދަލުކުރެއްވި އެވެ.