ޖަރުމަނުވިލާތުގެ ނަރުހަކު އިންޖެކްޝަން ބޭނުންކޮށްގެން ދިހަ ބަލި މީހުން މަރާލައި އިތުރު 27 މީހުން މަރައިލުމަށް މަސައްކަތް ކުރުމުގެ ކުށުގައި ޢުމުރަށް ޖަލަށް ލައިފިއެވެ.
ކޯޓުގައި ވަކާލާތުކުރަމުން ވަކީލުން ބުނީ އެ ނަރުސް ގިނަ ޢަދަދެއްގެ ޢުމުރުން ދުވަސްވީ ބަލި މީހުން މަރާލާފައި ވަނީ އޭނާގެ މަސައްކަތް ލުއި ކުރުމުގެ ބޭނުމުގައި ކަމަށެވެ. އޭނާ އެ ކަން ޙާޞިލް ކޮށްފައި ވަނީ ގިނަ ޢަދަދެއްގެ ތަދުކަނޑުވާ ބޭހާއި ނިދާ ބޭސް އިންޖެކްޝަން މެދުވެރިކޮށް ބަލި މީހުންނަށް ދީގެންނެވެ. އެ ޖަރީމާ އޭނާ ހިންގާފައި ވަނީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހާއި 2024ވަނަ އަހަރުގެ މެއި މަހާ ދެމެދު ހުޅަނގު ޖަރުމަނުވިލާތުގެ އާޗެންގައި ހުންނަ ކްލިނިކެއްގައެވެ.
ކޯޓުގެ ތަެރުޖަމާނަކު ވިދާޅުވީ ޖަރުމަނުވިލާތުގައި އުމުރަށް ޖަލަށްލާ މީހުން ބައެއް ޙާލަތްތަކުގައި މަދުވެގެން 15 އަހަރު ޖަލުގައި ހޭދަކުރުމުން ދޫކޮށްލާ ކަަމަށެވެ. ނަމަވެސް މި ޙާލަތުގައި ކުށްކުރި މީހާ އެ ގޮތަށް ދޫކޮށްލުމުގެ ފުރުޞަތު ވަރަށް ހަނި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަރުހެއްގެ ގޮތުގައި އެ މީހާ މަސައްކަތް ކުރަން ފެށި ފަހުން ހިނގާފައިވާ ތަފާތު ޝައްކުކުރެވޭ އެހެން ހާދިޘާތައް ވެސް މިހާރު ދަނީ އިދާރާތަކުން ބަލަމުންނެވެ.
މިއީ މި ފަދަ ހާދިޘާއެއް ޖަރުމަނުވިލާތުގައި ހިނގާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2019 ވަނަ އަހަރު ވެސް ޖަރުމަނުވިލާތުގެ ނަރުހެއް ވަނީ 85 ބަލިމީހުން މަރައިލި ކަމުގެ ކުށުގައި ޢުމުރަށް ޖަލަށް ލައިފައެވެ. އެއީ ފަހުގެ ތާރީޚެއްގައި ޖަރުމަނުވިލާތުގައި މީހަކު މަރާލާފައިވާ މީހުންގެ އެންމެ ގިނަ ޢަދަދެވެ.