އައްޑޫ ހުޅުދޫ - މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
މިޖަލްސާގައި އައްޑޫ ހުޅުދޫ - މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝިޔާމެވެ.
ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށެވެ. އަދި މި މަސައްކަތަށް މިހާރު ފައިސާ ހަމަޖެހިފައިވާ ކަމަށާއި، މި ހޮސްޕިޓަލް ނިމޭއިރު ހޮސްޕިޓަލެއްގައި ހުންނަން ޖެހޭ ހުރިހާ ޚިދުމަތެއް ރަނގަޅު ފެންވަރެއްގައި ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.