އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަންގެ ރައީސް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
އެއް ދުވަހުގެ މި ދަތުރުފުޅުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެރިންނާއި ދިވެހި ސަރުކާރުގެ އިސްވެރިންނާ ސަލްމާން ބައްދަލުކުރައްވާނެ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ އަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އޭއެފްސީން ވެދެއްވޭނެ އެހީތެރިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
އޭއެފްސީގެ ރައީސް ކަމުގައި ތިން ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ ސަލްމާން އެންމެ ފަހުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ރާއްޖެ ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ.
އެ މަނިކުފާނު މި ފަހަރު ރާއްޖެ ވަޑައިގަންނަވާއިރު މި އަހަރު ކުރީކޮޅު ވަނީ ސްރީލަންކާ އަށް ވެސް ވަޑައިގަންނަވާފަ އެވެ.
ސަލްމާން ރާއްޖެ ވަޑައިގަންނަވާއިރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މީގެ ދެ ހަފުތާ ކުރިން ރާއްޖެ ވަޑައިގަންނަވާފަ އެވެ. އަދި ގަލޮޅު ދަނޑުގައި މެޗެއް ކުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ވެސް ބައްދަލުކުރެއްވި އެވެ.
ހިޔާނާތުގެ ކުށުގައި ޖަލަށް ލާފައިވާ އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަކީ ސަލްމާން ހިމެނިވަޑައިގަންނަވާ އޭއެފްސީގެ އެކްސްކޯ މެމްބަރެކެވެ.