ވިޔަފާރި

"ފުޑް އެންޑް ހޮސްޕިޓާލިޓީ އެކްސްޕޯ ކާމިޔާބު"


ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އެކިބާވަތްތަކުގެ ތަކެތި މާކެޓްކުރާ ފަރާތްތަކަށާއި އެދާއިރާގައި މަސައްކަތްކުރާ ކާބޯތަކެތި އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި ފުޑް އެންޑް ހޮސްޕިޓާލިޓީ އެކްސްޕޯގައި ޖުމްލަ 120 ފަރާތެއްގެ ސްޓޮލް ހިމެނުނެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެބޮޑު ކަލިނަރީ ޗެލެންޖް ވެސް މިއެކްސްޕޯގެ ތެރޭގައި، ކުރިޔަށް ގެންދިޔައެވެ. 500 އަށްވުރެ ގިނަ ކާބޯތަކެތި ތައްޔާރުކޮށް ޚިދުމަތްދޭ ފަންނާނުންގެ ބައިވެރިވުމާއެކު ބޭއްވި ކަލިނަރީ ޗެލެންޖް ފުރިހަމަކޮށް ގިނައަދަދެއްގެ ބައިވެރިން ސެޓްފިކެޓާއި މެޑެލް ޙާޞިލްކުރިއެވެ. ކަލިނަރީ ޗެލެންޖް އިންތިޒާމްކުރި ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ރައީސް މަރިޔަމް ނޫރައްދީން ވިދާޅުވީ ކަލިނަރީ ޗެލެންޖްގައި ބައިވެރިވި ކެއްކުންތެރިން ކުރިން ބެލެވިފައި ނުވާހާ ރަނގަޅު ފެންވަރުގެ ކެއްކުންތައް ތައްޔާރުކޮށް ހުށައަޅައިދިންކަމަށެވެ.

img:http://s3.psmnews.mv/images/660x400/14718662881970.jpg|އިކޮނޮމިކް މިނިސްޓަރ ސައީދު، ފުޑް އެންޑް ހޮސްޕިޓާލިޓީ އެކްސްޕޯ ހުޅުއްވައިދެއްވަނީ- ފޮޓޯ: ވަހީދު، ޕީއެސްއެމް

އެކްސްޕޯގެ ޕްރިންސިޕަލް ސްޕޮންސަރ ލިލީ އިންޓަރނޭޝަނަލްގެ އެސިސްޓެންޓް ޑިރެކްޓަރ ފައިޒެލް ޢަލީ ވިދާޅުވީ މުޅި އެކްސްޕޯއަށްވެސް، ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ބޮޑު ތަރުޙީބެއް ލިބުނުކަމަށެވެ. އަދި ޚާއްޞަކޮށް ކަލިނަރީ ޗެލެންޖަށް ލިބުނު ތަރުޙީބު ފާހަގަކޮށްލެއްވޭކަމަށް އޭނާ ވިދާޅުވިއެވެ.

އެކްސްޕޯގެ ބައިވެރިންގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު އެއްވިޔަފާރި ކުންފުނި ސޮނީ ކުންފުނީގެ މާރކެޓިންގ އެގްޒެކެޓިވް އާދަމް އިބްރާހީމް ވިދާޅުވީ އެކުންފުނިން އެކްސްޕޯއަށް ޚާއްޞަކޮށް ތަޢާރަފްކުރި ޕްރޮޑަކްޓްތަކަށް ޢާންމުންގެ ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ކަމަށެވެ. އެގޮތުން ގެދޮރު ޒީނަތްތެރިކުރުމަށް ބޭނުންކުރާ ސާމާނާއި އެ ކުންފުނިން އެތެރެކުރާ ކެޕަރޯލް ބްރޭންޑްގެ ކުލަ ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރި، ޢިމާރާތުގެ އެތެރޭގެ ވަސްތައް ކަޑުވާލަދޭ ކުލައަށް ބޮޑު ތަރުޙީބެއް ލިބުނުކަން އާދަމް ފާހަގަކުރެއްވިއެވެ. މިއީ މިއެކްސްޕޯ އެފް.އެޗް.އޭ.އެމުން އިންތިޒާމްކޮށް ބޭއްވި ތިންވަނަ އަހަރެވެ.