އައްޑޫ ސިޓީ ހުޅުދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މި މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ފިޓްނަސް ސެންޓަރަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރައްވައިގެން ތަރައްޤީކުރާ ސެންޓަރެކެވެ.
މި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމާއި އައްޑޫ ސިޓީގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ހުޅުދޫ ފިޓްނެސް ސެންޓަރުގައިވެސް އިންޑޯ ޖިމާއި، އެރޮބިކްސް އާއި އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެކެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވެސް އެންމެ ބޮޑު ހޭދައެއް ހިނގާނެ ކަމަށް ލަފާކޮށްފައިވާ ކުޅިވަރު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމެވެ.
މިއީ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ސިއްހީ ދުޅަހެޔޮކަމާއި އިޖުތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ޤާއިމުކުރެވޭ ކުޅިވަރުގެ މުހިއްމު ވަސީލަތްތަކެކެވެ.