ތަޢުލީމު

3000 މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީންކުރަނީ


މިހާރު ޚިދުމަތުގައި ތިއްބެވި މުދައްރިސުންނަށް ޢަމާޒު ކުރައްވައިގެން ޑިގްރީ ފެންވަރުގެ ޕްރޮގްރާމެއް ސަރުކާރުން ފަށްޓަވައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގުޅިވަޑައިގެން ކުރިޔަށްގެންދަވާ މި ޕްރޮގްރާމްގެ ތެރެއިން 3 އަހަރަށް ބަހާލައިގެން 3000 މުދައްރިސުން ތަމްރީން ކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިހާރު ޚިދްމަތުގައި ތިއްބެވި މުދައްރިސުންގެ ތެރެއިން، ޑިގްރީ ފުރިހަމަ ނުކޮށް ތިބި މުދައްރިސުންނަށް ޢާމާޒު ކުރައްވައިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގުޅިވަޑައިގެން ކުރިޔަށް ގެންދަވާ މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ކިޔެވުން ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޤައުމީ ފެންވަރެއްގައި ފެއްޓެވި މި ޕްރޮގްރާމަކީ، ރާއްޖޭގެ މަދަރުސާތަކަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދައިދީ، އުގެނުމާއި އުނގަންނައި ދިނުމުގެ ފެންވަރު މަތިކޮށް، ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް، ދިވެހި ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތު ދިވެހިންގެ އަތްމަތީގައި ބޭއްވުމުގެ އަމާޒުގައި ފެއްޓެވި ޕްރޮގްރާމެއް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝާން ޑރ.ޢާއިޝާތު ޝިހާމް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14633054934246.jpg|ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އެހެންކަމުން މި ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ ހުރިހައި ސްކޫލް މަދަރުސާތަކުގައި މަސައްކަތް ކުރާ އެންމެހައި ޓީޗަރުން ޑިގްރީ ފެންވަރަށް ތައމްރީން ކުރެވިގެންދާނެއެވެ. މިނިސްޓަރ ވިދާޅުވީ 3000 ޓީޗަރުން ތަމްރީންކުރެއްވުމަށް ފެއްޓެވި މި ޕްރޮގްރާމްގެ ސަބަބުން ބިދޭސީ ޓީޗަރުންގެ އަދަދު މަދުކުރެވި، މިހާރު ޚިދްމަތުގައި ތިބި ޓީޗަރުން ބާކީވެގެން ނުދާނޭ ފަދަ ގޮތަކަށް ތަމްރީން ހޯދައިދިނުމުގެ ފުުރުޞަތު މިހާރު ފަހިކޮށްދެވިފައިވާކަމަށެވެ. 

މި ޕްރޮގްރާމްގައި އިސްކަންދީފައިވަނީ، ކިޔަވައިދޭނޭ ޓީޗަރުން ނެތުމުގެ ސަބަބުން ކޮންޓްރެކްޓް އުޞޫލުން ޓީޗަރުން ގެންގުޅޭ ކުދި ރަށްތަކުގެ ސްކޫލްތަކުގައި ތިބި ރިލީފް ޓީޗަރުންނަށާއި، ކިޔަވައިދޭ ޓީޗަރުންގެ ނިޞްބަތުން ބިދޭސީން ގިނަ ސްކޫލްތަކާއި، އިގިރޭސި ޑިގްރީ ފެންވަރަށް ދިވެހިން ޓްރެއިންވެފައި ނެތް ސްކޫލްތަކާއި، ސްޓްރީމް މާއްދާތައް ކިޔަވައިދޭ ސްކޫލްތަކުގައި މިހާރު ޑިގްރީ ފެންވަރުގެ ޓީޗަރުންނެތް ސްކޫލްތަކަށް ކަމަށެވެ.