ވިޔަފާރި

އަމާނާތަކާފުލްގެ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ފައިދާ ބަހަނީ


އިންޝުއަރެންސް ކުންފުނި އަމާނާތަކާފުލް މޯލްޑިވްސްގެ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ވަގުތީ ފައިދާ ބެހުމަށް އެކުންފުނިން ނިންމައިފިއެވެ.

މިގޮތަށް ނިންމާ އެކުންފުނިން ކުރި ޢިއުލާނުގައިވަނީ މި އަހަރުގެ ޖޫން މަސް ނިމުނުއިރު ކުންފުނީގެ ވިޔަފާރިއަށް ހުރިހާ ދާއިރާއަކުން ކުރިއެރުން ލިބިފައިވާކަމަށެވެ. އެހެންކަމުން ޙިއްޞާގެ މޫނުމަތީ އަގުގެ ފަހެއް އިންސައްތައަށްވާ ވަގުތީ ފާއިދާ ޙިއްޞާދާރުންނަށް ބެހުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ކޮންސޮލިޑޭޓެޑް ފައިދާގެ ގޮތުގައި އެކުންފުންޏަށް 4.5 މިލިއަން ރުފިޔާ ލިބިފައި ވާކަމަށް އެކުންފުނިން ބުނެއެވެ.

ޙިއްސާގެ ވަގުތީ ފައިދާ ބެހުމުގެ ބޭނުމުގައި މިމަހުގެ 31 ވަނަދުވަހު ޙިއްޞާދާރުންގެ ދަފްތަރު ބަންދުކުރާނެކަމަށް އެކުންފުނިން ބުނެއެވެ. އަމާނަތަކާފުލް މޯލްޑިވްސްއަކީ އިސްލާމީ ޝަރީޢާގެ އުޞޫލުތަކާ އެއްގޮތަށް ވިޔަފާރިކުރާ ކުންފުންޏެއްގެ ގޮތުގައި ރާއްޖޭގެ ޙިއްޞާގެ ބާޒާރުގައި ލިސްޓްކުރެވިފައިވާ ފުރަތަމަ ކުންފުންޏެވެ.