ކުޅިވަރު

ފިފްޕްރޯ އަންހެން ޓީމުގައި ތިބީ ކޮންބައެއް؟


ފިފްޕްރޯއިން ހޮވި އަންހެން ގަދަ 11 ކުޅުންތެރިންގެ ތެރޭގައި އެންމެ ގިނަ ކުޅުންތެރިންނަކީ އިނގިރޭސި ކުޅުންތެރިން ކަމުގައި ވެއްޖެ އެވެ.

ހުސްވި ތިން ސީޒަނުގައި ވެސް ސްޕޭނުން ހާއްސަކޮށް އެ ގައުމުގެ ބާސެލޯނާ ޑޮމިނޭޓްކުރި މި ޓީމުގައި މި ފަހަރު އިނގިރޭސި ކުލަ ޖެހުނީ ހުސްވި ސީޒަނުގައި އިނގިރޭސި ގައުމީ ޓީމު ޔޫރޯ ކާމިޔާބު ކުރުމާއި އާސެނަލުން ބާސެލޯނާ ބަލިކޮށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުންނެވެ.

އެންމެ ގިނަ ކުޅުންތެރިން ހިމެނުނީ ވެސް އާސެނަލް އާއި ބާސެލޯނާއިންނެވެ. އާސެނަލްއިން ހިމެނުނީ ޑިފެންޑަރު ލިއާ ވިލިއަމްސަން އައި ފޯވަޑް ކޯލޭ ކެލީ އާއި ފޯވަޑް އަލެސިއާ ރުސޯ އެވެ.

އިނގިރޭސިވިލާތުން ދެން ހިމެނުނީ ޗެލްސީގެ ތިން ކުޅުންތެރިން ކަމަށްވާ އިނގިރޭސި ގައުމީ ކީޕަރު ހަނާ ހެމްޓަން އާއި ދެ ޑިފެންޑަރުން ކަމަށްވާ ލުކީ ބްރޯންޒް އާއި މިލީ ބްރައިޓް އެވެ. މީގެ ތެރެއިން ކީޕަރު ހެމްޓަން އަކީ ޔޫރޯ އާއި ދުނިޔޭގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ކުޅުންތެރިޔާ އެވެ.

ބާސެލޯނާއިން މި ޓީމުގައި ހިމެނުނު ތިން ކުޅުންތެރިންނަކީ ދެ މިޑްފީލްޑަރުން ކަމަށްވާ އައިޓާނާ ބޮންމާޓީ އާއި ކެޕްޓަން އެލެޒިއާ ޕުޓެޔާސް އާއި ޑިފެންޑރު އޮނާ ބަޓްލޭ އެވެ. މީގެ ތެރެއިން ބޮންމާޓޭ އަކީ ޔޫރޯގެ މޮޅުންތެރިޔާ އެވެ. އަދި ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި ބަލޮންޑޯ ހާސިލްކުރި ކުޅުންތެރިޔާ އެވެ.

ގަދަ 11ގައި ދެން ހިމެނެނީ އޮލާންޑޯގެ ފޯވަޑް ބާބްރާ ބަންޑާއި ލެވަންޓޭ އަށް ކުޅުމަށްފަހު ސައޫދީގެ އަލް ހިލާލް އަށް ބަދަލުވި މިޑްފީލްޑަރު ޗިޒްލޭން ޗެބަކް އެވެ.