މަކަރު ހަދައިގެން މެލޭޝިޔާގެ ގައުމީ ޓީމަށް ކުޅުވި ހަތް ކުޅުންތެރިންގެ މައްސަލަ އެޕީލް ކުރުމުން އެކަން ފީފާއިން ވެސް ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ. 
މި މައްސަލަ ފީފާ އަށް ދިޔައީ މެލޭޝިޔާ އަށް ނިސްބަތްނުވާ ހަތް ކުޅުންތެރިއަކު ލައްވައި ގައުމީ ޓީމަށް ކުޅުވި ކަމަށް ބަލައި އޭއެފްސީން މެލޭޝިޔާ ޖޫރިމަނާކޮށް ހަތް ކުޅުންތެރިން އެއް އަހަރަށް ފުޓްބޯޅައިން ސަސްޕެންޑް ކުރުމުންނެވެ. މެލޭޝިޔާއިން ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ބެލުމަށްފަހު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނީ އެއީ މެލޭޝިޔާގެ ކުޅުންތެރިންކަން ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. 
ލިޔެކިއުންތައް އޮޅުވާލައިގެން މެލޭޝިޔާއިން އެ ގައުމުގެ ކުޅުންތެރިންގެ ގޮތުގައި ކުޅުވާފައިވަނީ އާޖެންޓީނާ އާއި ބްރެޒިލް އަދި ނެދަލޭންޑްސް އާއި ސްޕޭނުގެ ކުޅުންތެރިން ލައްވަ އެވެ. މެލޭޝިޔާއިން ބުނަނީ މި ކުޅުންތެރިންގެ މާމަ، ކާފަ ނުވަތަ ހޫރު ކާފަ، މާމަ ނިސްބަތްވަނީ މެލޭޝިޔާ އަށް ކަމަށެވެ.
ފީފާގެ ނިންމުމާ ގުޅިގެން މެލޭޝިޔާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ދާތުކް ޔޫސުފް މަހާދީ ވިދާޅުވީ ފީފާގެ ނިންމުމުން ވަރަށް ހައިރާންވެއްޖެ ކަމަށެވެ. ނަމަވެސް ކުޅުންތެރިންގެ ދިފާއުގައި މި މައްސަލާގައި އަދިވެސް އިތުރު މަސައްކަތްތައް ކުރާނެ ކަމަށެވެ. މިހެންވެ މި މައްސަލަ ދެން ބަލާނީ މެލޭޝިޔާއިން ހުށަހަޅައިފިނަމަ ދުނިޔެގެ ކުޅިވަރުގެ ކަންކަން ނިންމާ އެންމެ މަތީ ފަރާތް ކަމަށްވާ ކޯޓް އޮފް އާބިޓްރޭޝަން (ކާސް)އިންނެވެ. 
މި މައްސަލާގައި މެލޭޝިޔާގެ ކުޅުންތެރިން ސަސްޕެންޑް ކުރުމުގެ އިތުރަށް އޭއެފްސީން ވަނީ 35000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށް، ކޮންމެ ކުޅުންތެރިއަކު 2000 ފްރޭންކުން ޖޫރިމަނާކޮށްފަ އެވެ.