ޚަބަރު

ނޮވެންބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖަހައި ގާޑް މައުންޓްކޮށްފި


  • މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި

  • ނަޞްރުގެ ހަނދާނީ ބިނާގައި 8 ދިދަ ޖަހާފައިވޭ

މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓްކޮށްފިއެވެ.

3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި ގިނަ އަދަދެއްގެ ސިފައިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ހަނދާނީ ބިނާގައި 8 ދިދަ ޖަހާފައިވެއެވެ. މި 8 ދިދައިން ރަމްޒުކޮށްދެނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމަށް ދިން ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިންގެ 8 ބޭކަލުންނެވެ.

މި ރަސްމިއްޔާތުގައިވަނީ ޝަހީދުވި މީހުންގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެނެސްފައެވެ. އަދި 7 ބަޑީގެ ސަލާމެއްވެސްވަނީ އަރުވާފައެވެ. ރަސްމިއްޔާތު ނިންމާލީ ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއްކުރުމަށްފަހު ސިފައިންގެ ރަސްމީ ލަވައިންނެވެ.

3 ނޮވެންބަރުގެ ހަނދާނީ ބިނާއަކީ އެދުވަހު ޤައުމުގެ ދިފާޢުގައި ވެފައިވާ އަގުނުކުރެވޭ ގުރުބާނީގެ ޒިކުރާ އައުކުރުމަށް ޤާއިމްކޮށްފައިވާ ބިނާއެކެވެ. މިބިނާ ފަރުމާކޮށްފައިވަނީ ސިފައިންގެ މައިމަރުކަޒަށް ޓެރަރިސްޓުން ވަނުމަށްޓަކައި ފާރުގޮއްވާލާ ފޫއަޅުވާލި ބާގަނޑު ނަކަލުކޮށްދޭ ގޮތަށެވެ. މިބާގަނޑުގެ ތެރެއިން ފެންނަން ހުރި އައްޑަނަ ރަމްޒްކޮށްދެނީ ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމުގެ ދިފާޢުގައި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދެވެ.

އައްޑަނައިގެ ވަށައިގެން ލިޔެފައިވާ ލިޔުމަކީ މާތްﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުންނަށް ހުރި ދަރުމައިގެ ވާހަކަ ބަޔާންކުރައްވާ މާތްﷲ ވަހީކުރައްވާފައިވާ އާޔަތާއި އެއާޔަތުގެ ދިވެހި ތަރުޖަމާއެވެ. މި ލިޔުން ރަމްޒަކޮށްދެނީ ދިވެހި ސިފައިންނަކީ އިސްލާމީ މަތިވެރި އަޤީދާއިން ހިތްވަރު ލިބި ދީނާއި ޤައުމަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއެއްވުމަށް އަބަދުވެސް ތައްޔާރަށް ތިބި ބައެއްކަމެވެ. އަދި ބިނާގެ ދެފަރާތުގައި ފަރުމާކޮށްފައިވާ 8 މާބޮނޑި ރަމްޒްކޮށްދެނީ 3 ނޮވެންބަރުގައި ޝަހީދުވި ސިފައިންގެ މަތިވެރި ގުރުބާނީއާއި މަތިވެރި ޒިކުރާއެވެ.

މި ބިނާ ހުންނަނީ ސިފައިންގެ މައި މަރުކަޒުގެ ހުޅަނގު ދެކުނު ކަނުގައެވެ. މިތަން ޤާއިމުކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. ކޮންމެ އަހަރަކުވެސް ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތެއް ބާއްވައެވެ.

ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި 7 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. މިޙަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. އެއީ ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުންނެވެ.