ޚަބަރު

"އެޓޯލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ފުޓްބޯޅައަށް އަންނާނެ ބޮޑު އިންގިލާބެއް"


ރާއްޖޭގެ ފުރަތަމަ ޑިވިޝަނާ ހަމައަށް އައުމަށް ފުރުސަތު ފަހިވާ ގޮތަށް ފެއްޓި ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ފުޓްބޯޅައަށް އަންނާނެ ބޮޑު އިންގިލާބެއް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު މީގެ ކުރިން އަދާކޮށްފައިވާ ތަޖުރިބާކާރު ކޯޗު އަޙްމަދު ޝަރީފް (ޑުންގާ) ބުނެފިއެވެ.

އެފްއޭއެމްއިން ރާއްޖެ ހަތަރު ޒޯނަކަށް ބަހާލާފައިވާއިރު، ނޯތު ރީޖަންގައި ހިމެނެނީ ހއ. ހދ. ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. އަދި ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ މާލެ ރީޖަންއެވެ. އެއީ ދެވަނަ ޑިވިޝަނުގެ ކްލަބުތަކާއި ތިންވަނަ ޑިވިޝަނުގެ ކުލަބުތަކެވެ.

މި ސީޒަނުގެ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ދިވެހި ޕްރިމިއަރ ލީގު ނިމުމުގެ ކުރިން ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަނުންނާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން ޓީމުތައް ކަނޑައެޅިގެންދާނެއެވެ. އަދި ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގައެވެ. މި ސީޒަނުން ފެށިގެން 10 ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމަށް އަންނަ ސީޒަނުގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތްވަނަ އާއި އަށްވަނައިގެ އިތުރުން ނޯތު ލީގާއި، ސެންޓްރަލް ލީގު އަދި ސައުތު ލީގުގެ ޗެމްޕިއަން ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގައި ކޮލިފިކޭޝަން ބުރެއް ކުޅޭނެއެވެ. މީގެ ތެރެއިން ގަދަ ހަތަރު ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާނެއެވެ.

އެޓޯލް ޗެމްޕިއަންޝިޕުގައި ކުޅުދުއްފުށި ސިޓީއަށް ކޯޗުކޮށްދެމުން އަންނަ އަހުމަދު ޝަރީފު (ޑުންގާ) ބުނީ މާލޭގެ އަށް ކުލަބާއި ގައުމީ ޓީމުގައިވެސް ތިބީ އަތޮޅު ތެރޭގެ ކުދިން ކަމަށާއި، އެހެންކަމުން ފުޓްބޯޅަ އޮތީ އަތޮޅު ތެރޭގައި ކަމަށެވެ. އެއާއެކު އަތޮޅު ތެރޭގައި މި މުބާރާތް ނުކުޅެ ފުޓްބޯޅަ ކުރިއަށް ނުދާނެ ކަމަށާއި، އައު ފޯމެޓަށް ބަދަލުގެނައިތީ އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤަށް ޝުކުރުދަންނަވާ ކަމަށްވެސް ޝަރީފު ބުންޏެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ދެކެން ބޭނުންވި ދުވަހެއް. އަޅުގަނޑު ގަބޫލެއް ނުކުރަން މާލޭގައި އަށް ކުލަބަށް މިކަން ވެދާނެ ކަމަށް. އެ އަށް ކުލަބާއި ގައުމީ ޓީމުގައިވެސް ތިބީ އަތޮޅު ތެރޭގެ ކުދިން. އެހެންވީމަ ފުޓްބޯޅަ އޮތީ އަތޮޅު ތެރޭގައިކަން އެބަ އެނގޭ. އެހެންވީމަ އަތޮޅު ތެރޭގައި މި މުބާރާތް ނުކުޅެ އަޅުގަނޑުމެންގެ ފުޓްބޯޅަ ކުރިއަކަށް ނުދާނެ. އެފްއޭއެމްގެ ރައީސްއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން މި ފޯމެޓް މިގޮތަށް ގެނައިތީ. އެފްއޭއެމްގައި މަސައްކަތްކުރި ދުވަސްވަރު މިކަން ކޮށްދޭން އާދޭސްކުރިން. އެކަމަކު މިއަދު މިކަން މިއޮތީ ހަގީގަތަކަށް ވެފައި. މިއީ ހަމަގައިމުވެސް ރާއްޖޭގެ ފުޓްބޯޅައަށް އަންނާނެ ބޮޑު އިންގިލާބެއް."

އެފްއޭއެމްއިން އެޓޯލް ޗެމްޕިއަންޝިޕްގެ ފޯމެޓް ރާވާފައިވާ ގޮތަކީ ފީފާ ފޯވާޑްގެ ރުހުން ލިބިފައިވާ އޮނިގަނޑެކެވެ. އެ ގޮތުން އަތޮޅު ބުރު ނިމުމަށްފަހު، 18 ދަނޑެއްގައި ނޮކައުޓް ބުރުގެ މެޗުތަކެއް ކުޅެވިގެންދާނެއެވެ. އެޓޯލް ޗެމްޕިއަންޝިޕަށް ފީފާއިން 266،000 ޑޮލަރު (4.1 މިލިޔަން ރުފިޔާ) ގެ އެހީއެއް ދޭން ވަނީ ނިންމާފައެވެ.