ދުނިޔެ

ފަތުހު ﷲ ގުލެން އަނބުރާ ތުރުކީއަށް ފޮނުވުމަށް އެޤައުމުން އެދެފި


ތުރުކީވިލާތުގައި މިދިޔަ މަހު ހިންގި ނާކާމިޔާބު ބަޣާވާތުގެ ފަހަތުގައިވާކަމަށް އެ ޤައުމުން ތުހުމަތުކުރާ ފަތުޙު ﷲ ގުލެން، އަނބުރާ އެ ޤައުމަށް ފޮނުވާލުމަށް އެމެރިކާގެ ސަރުކާރުގެ ކިބައިން އެދެފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާކް ޓޯނަރވަނީ މި ކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ފަތުހު ﷲ ގުލެން އަނބުރާ ތުރުކީވިލާތަށް ފޮނުވުމަށް އެ ޤައުމުން ރަސްމީ ހައިޞިއްޔަތެއްގައި އެދިފައިވާކަމަށެވެ. ނަމަވެސް، މިކަމަށް އެދިފައިވަނީ ބަޣާވާތާއި ގުޅުން ހުރި މައްސަލައެއްގައި ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ކުރިން ބުނީ، ފަތުހު ﷲ ގުލެން އަނބުރާ ތުރުކީވިލާތަށް ފޮނުވާލުމަށް އެދި އެ ޤައުމުން ހުށަހަޅާފައިވާ މައްސަލައާއި ގުޅޭ ލިޔެކިޔުންތައް މިހާރު ދިރާސާ ކުރަމުންދާކަމަށެވެ. ޓޯނަރ އިތުރަށް ވިދާޅުވީ، ގުލެން އަނބުރާ ތުރުކީވިލާތަށް ފޮނުވާލުމަށް އެ ޤައުމުން އެދިފައިވަނީ، އޭނާ ޖަވާބުދާރީ ކުރުވަން އެ ޤައުމުގެ ސަރުކާރުން ބޭނުންވާ އެހެން މައްސަލަތަކަކާއި ގުޅިގެންކަމަށެވެ.