ސިއްހަތު

އެސްޓީއޯއިން 6 އެމްބިއުލާންސް ރާއްޖެ ގެނެސްފި


ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްދެއްވުމަށް ސަރުކާރުން އަތޮޅުތަކުގައި ހިންގަވާ ޞިއްޙީ މަރުކަޒުތަކަށް ބަލި މީހުން އުފުލުމަށްޓަކައި ބޭނުންވާ އެމްބިއުލާންސްތައް ހޯދެވުމުގެ ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. މިކަމުގެ އެންމެ ބޮޑު އަމާޒަކި އެކަށީގެންވާ ފެންވަރުގެ އެމްބިއުލަންސް ނެތް ހުރިހާ މަރުކަޒުތަކަށް އެމްބިއުލަންސް ހޯއްދަވައި ހަމަކޮށްދެއްވުމެވެ. މި މަސައްކަތުގެ ދަށުން މިއަހަރު އެސްޓިއޯއާ ޙަވާލުކުރައްވައިގެން 28 އެމްބިއުލާންސް ބައްލަވައިގަތުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. މި 28 އެމްބިއުލާންސްގެ ތެރެއިން 6 އެންބިއުލާންސެއް މިހާރު ވަނީ ރާއްޖެ ގެންނަވާފައެވެ.

ޕީ.އެސް.އެމް.ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޤާސިމް ވިދާޅުވީ މި އެމްބިއުލާންސްގެ އިތުރުން އިތުރު 12 އެމްބިއުލާންސެއް މާލެ އައުމުގެ މަގުމަތީގައިވާކަމަށެވެ. އެސްޓީއޯއާ ޙަވާލުކުރެއްވި 28 އެމްބިއުލާންސް މިއަހަރު ނިމުމުގެ ކުރިން ރަށްރަށަށް ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޤާސިމް ވިދާޅުވިއެވެ.

މިފަހަރު ރާއްޖެއަށް ގެނެވޭ މި އެމްބިއުލާންސްތަކަކީ ސައިޒުގެ ގޮތުން ކުޑަ އެމްބިއުލާންސްތަކަކަށް ވީނަމަވެސް، މިއީ ފެންވަރު ރަނގަޅު އެމްބިއުލާންސްތަކެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ޢާންކޮށް ރާއްޖެގައި ބޭނުން ކުރާ އެމްބިއުލާންސްތަކުން ދެވޭނެ ހުރިހާ ޚިދުމަތެއް މި އެމްބިއުލާންސްތަކުންވެސް ދެވޭނެކަމަށް ޤާސިމް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14672158033214.jpg|އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑުމެން ކުރީވެސް ކުދި ސައިޒު ތަންކޮޅެއް ފަސޭހަވާނެ އަތޮޅުތެރޭގެ ރަށްރަށުގައި ދުއްވަން އަބާދީ ހަމަކުޑަ  އަދި ހަމައެއާއެކީގައި މަގުތައްވެސް ގޯޅިތައްވެސް ހަމަ ތަންކޮޅެއް ހަނިކޮށް ހުންނަނީދެއްތޯ ރަށްރަށުގައި. އެހެންވީމަ ފަސޭހަވާނެ އެއެއްޗެހި ބޭނުންކުރަން. ތަންކޮޅެއް ބޮޑުވީމަ އުދަގޫވާނެދެއްތޯ އެހެންވީމަ ތަންކޮޅެއް ސައިޒުގެ ގޮތުން ކުޑަވާނެ އެހެންނަމަވެސް އެތެރޭގައި ދެވޭ ހުރިހާ ހިދުމަތެއް ހަމަދެވޭނެ ސްޓްރެޗަރވެސް ދަމައިގަނެގެން ގޮސްފައި ހިއްލާލައިގެނެއް ނޫން، އުފުލައިގެން މިހެން ނަގާކަށެއް ނުޖެހޭނެ، ހަމަ ގޮއްސަ ދަމާލާފަ ގޮސް އެންބިއުލާންސްތެރެއަށް ވައްދާލެވޭނެ. ހަމަ އެއާއެކު އޮކްސިޖަން ލިބެން ހުންނާނެ ފަސްޓްއެއިޑްގެ ޚިދުމަތް ލިބެން ހުންނާނެ. އެހެން ވީމަ އާދައިގެ އެމްބިއުލާންސެއްގައި ދެވޭނެ ހުރިހާ ހިދުމަތެއް މި އެންބިއުލާންސްގައިވެސް ދެވޭނެ." ޤާސިމް ވިދާޅުވިއެވެ.

އަތޮޅުތަކުގައި ބޭނުންކުރައްވަމުން ގެންދެވި އެމްބިއުލާންސްގެ ތެރެއިން މަރާމާތުކޮށްގެން ބޭނުންކުރެވޭ ޙާލަތުގައި ހުރި 28 އަށްވުރެ ގިނަ އެމްބިއުލާންސް މިއަހަރު މަރާމާތުކުރެވިފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަތޮޅުތަކުގެ ރަށްތަކުގައި ބޭނުން ކުރައްވަމުން ގެންދަވާ އެމްބިއުލާންސްތައް ހަލާކުވުމުން، މަރާމާތުކުރުމުގައި ދަތިތަކާއި ކުރިމަތިވާކަމަށް ޤާސިމް ވިދާޅުވިއެވެ.

"ވަރަށް ކުރިގެ އެންބިއުލާންސްތަކެއް މީ ގާތްގަޑަކަށް 12 ވަރަކަ އަހަރުވެއްޖެ މި އެންބިއުލާންސްތައް ދުއްވާތާ  އެހެން ވީމަ އެކަށީގެންވާ ވަރުގެ މަރާމާތެއް ނެޔި ދުއްވުނީމަ ހުންނާނީ ވީރާނާވެފައި ދެއްތޯ. ބޮޑު ހަރަދުތަކެއް މަރާމާތުކުރުމަށްދާކަމަށް. ބޮޑުމައްސަލައަކަށް ދިމާވަނީ މިކަންކުރާ ފަރާތްތައް ހޯދަން ދަތިވޭ. އަދި ރަށްރަށަށް ގޮސްގެން އެމަސައްކަތް ކުރަން ވަރަށް ބޮޑަށް ދަތިވޭ މީހުންނަށް." ޤާސިމް ވިދާޅުވިއެވެ.

އެސްޓީއޯއާ ޙަވާލުކުރައްވައިގެން ބައްލަވައިގަންނަވާ މަސައްކަތް ކުރައްވަމުން ގެންދަވާ 28 އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންޑިޔާއިންނެވެ. އެމްބިއުލާންސް ގެނައުމުގެ ޚަރަދަށް ގާތްގަޑަކަށް 5.6 މިލިޔަށް ރުފިޔާ ޚަރަދުވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.