ކުޅިވަރު

ޔުނައިޓެޑުން ޖެނުއަރީގައި ބައެއް ކުޅުންތެރިން ދޫކޮށްލާނެ: އަމޮރިމް


މެންޗެސްޓާ ޔުނައިޓެޑުން އަންނަ ޖެނުއަރީ މަހު ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހޭނެ ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

ޕްރެމިއާ ލީގުގެ ހަ ވަނާގައި އޮތް ޓީމުގެ ކޯޗު ބުނީ ގަވާއިދުން ޓީމުގައި ކުޅެމުން ނުދާ ކުޅުންތެރިން އެ ވަގުތު ޓީމު ދޫކޮށްލަން ޖެހޭނީ ތަފާތު ސަބަބުތަކާ ހެދި ކަމަށެވެ.

"ވޯލްޑް ކަޕް ވެސް އެބައޮތް. އެހެންވީމާ ޓީމުން ޖާގަ ނުލިބި ނުވަތަ ގަވާއިދުން ކުޅެން ފުރުސަތު ނުލިބޭ ކުޅުންތެރިން ޓީމުން ދާން ބޭނުންވާނެ. އެކަން އަހަރެން ގަބޫލު ކުރަން. އަހަރެން ކޮންމެ ވަގުތަކަށް ވެސް ތައްޔާރުވާން ޖެހޭނެ،" ކޯޗު ބުންޏެވެ.

އޭނާ މިހެން ބުނިއިރު ޔުނައިޓެޑްގެ ކޯބީ މައިނޫ އާއި ހޯޝުއާ ޒިރްކްޒީ އަކީ ޓީމު ދޫކޮށް ދިއުން އެންމެ ގާތް ކުޅުންތެރިން ދެ ކުޅުންތެރިންނެވެ.

އަމޮރިމް ބުނީ ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހޭ އިރު ޓީމަށް ކުޅުންތެރިން އިތުރުވުމަކީ ވެސް ގާތް ކަމެއް ކަމަށެވެ.

"މި ޓީމަށް އަހަރުމެން ކޮންމެ ކޮންމެ ކުޅުންތެރިއަކު ނުގެންނާނަން. އަހަރުމެން ގެންނާނީ އަހަރުމެންނަށް އެ މީހެއްގެ ފުށުން ފައިދާވާނެ އަދި ކުރިމަގު އޮތް ކުޅުންތެރިން. އެއީ މިވަގުތު އަހަރުމެންގެ ޕްލޭނަކީ،" ކޯޗު ބުންޏެވެ.

އަމޮރިމް ޔުނައިޓެޑާ ހަވާލުވިތާ މިހާރު ވަނީ ގާތްގަނޑަކަށް އަހަރެއްވެފަ އެވެ. މިހާތަނަށް އޭނާ އައި ފަހުން 328 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އަދި މިދިޔަ ސީޒަނުގައި ނަތީޖާތައް ގޯސްވި ނަމަވެސް މި ސީޒަނުގައި ޔުނައިޓެޑް ވަނީ ނަތީޖާތައް ރަނގަޅު ކުރަން ފަށައިފަ އެވެ.