ޚަބަރު

އެއްބަސްވުމާ ޚިލާފުވެ ވިދިވިދިގެން ތިން ދުވަހު ޣައްޒާއަށް ޔަހޫދީންގެ ނުރައްކާތެރި ޙަމަލާތަކެއް


ޙަަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުން ދަނިކޮށް ފަލަސްޠީނުގެ ޣައްޒާއަށް ވިދިވިދިގެން ހަތަރު ދުވަހު، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ޙަމަލާތަކުގައި ތިން މީހުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ.

ސުލްޙައިގެ އެއްބަސްވުމަށް އިޙްތިރާމް ކުރާނެކަމަށް ބުނުމަށްފަހު، ޔަހޫދީން މިއަދުވެސް ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދީފައެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދިޔައީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމުގެ މަޤްޞަދުގައި ދެ އަހަރު ވަންދެން ލާއިންސާނީ ޙަމަލާތައް ދެމުންނެވެ. ނަމަވެސް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙާމާސްއާ ދެމެދު މި އަހަރުގެ އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، ޖެހިގެން އައި ދުވަހު އެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފައެވެ.

ނަމަވެސް، ސުލްޙައިގެ އެންމެ ފަހުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް، ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި ޣައްޒާގައި މިހާތަނަށް 104 މީހުން ވަނީ ޝަހީދުވެފައެވެ.

ސުލްޙައިގެ އެއްބަސްވުމަށް އިޙްތިރާމްކޮށް، ޙަމާސުން އިއްޔެ ވެސް ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވެފައިވާ ދެ އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާލުކޮށްފައެވެ.

އެއާއެކު، 28 އަސީރުންގެ ހަށިތަކުގެ ތެރެއިން، މިހާތަނަށް 17 މީހުންގެ ހަށިތައް، ޙަމާސުން ވަނީ ޔަހޫދީންނާ ޙަވާލުކޮށްފައެވެ. އޭގެ ބަދަލުގައި ޔަހޫދީން ޝަހީދުކޮށްލާފައިވާ 300އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުންގެ ހަށިތައް ވަނީ ޙަމާސްގެ ބެލުމުގެ ދަށުން އަނބުރާ ގެނެސްފައެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު 10ވަނަ ދުވަހުއެވެ. ނަމަވެސް، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމުގައި 68,000އަަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ. އަދި، ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ބުންޏެވެ. ދެ އަހަރެއްހާ ދުވަހުގެ ޤަތުލުޢާންމުގައި ޔަހޫދީން ވަނީ ޣައްޒާއިން 158,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައެވެ.