މިދިޔަ ހަފުތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގައި އެއް ލައްކަ އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 19ވަނަ ދުވަހުން ފެށިގެން މި މަހުގެ 25ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 35 މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަތަކުގައި 372،515.59 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އަދި މީގެ ތެރެއިން 148،781.94 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ، އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ 13 މައްސަލައެއް ހުށަހަޅާފައިވެއެވެ.
ސްކޭމްގެ މައްސަލަތަކުގެ ތެރޭގައި ބޭރު ފައިސާ މާރު ކުރުމާ ގުޅުންހުރި މައްސަލަތަކާއި، އިމްޕަރސަނޭޝަން ނުވަތަ މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި، ތަފާތު ލިންކުތައް ފޮނުވައިގެންނާއި، ވަޒީފާއާ ގުޅުންހުރި ސްކޭމްތައްވެސް ހިމެނެއެވެ.
އެގޮތުން ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 6 މައްސަލައަކާއި، އިމްޕަރސޮނޭޝަންގެ 9 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ތަފާތު ލިންކުތައް ފޮނުވައިގެންނާއި، ވަޒީފާއާ ގުޅުންހުރި 6 މައްސަލައެއްގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ، ފޯނު ކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރާ މަންސަތަކާއި، ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރު ކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާ ނުކުރުމަށާއި، އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
އަދި ސްކޭމަރުން ކާމިޔާބުވަނީ، މިފަދަ މައްސަލަތަކުގައި ހަނު ހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.